ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

އަންވަރު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ. ދިވެހި ސިފައިން ވަނީ އަންވަރަށް ޝަރަފުވެރި ގާޑެއް އަރުވައިފައެވެ. އަންވަރަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ޖުމްހޫރީ މައިދާނުގައެވެ.

14 ސެޕްޓެމްބަރު 2026، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރަސްމީ ދަތުރެއްގައި މިރޭ ރާއްޖެ ވަޑައިގަތުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު، އަންވަަރަށް ވީއައިއޭއިން މަރުހަބާ ދެންނެވުމުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

އަންވަރު ރާއްޖެއަށް މި ކުރައްވާ ދަތުރު ނިންމާލައްވަނީ މާދަމާއެވެ.

މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރުގައި ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.

ރައީސް އޮފީހުން މިމަހުގެ 11 ވަނަ ދުވަހު ބުނެފައިވަނީ އަންވަރުގެ މި ދަތުރަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވި ދައުވަތަކާ ގުޅިގެން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

14 ސެޕްޓެމްބަރު 2026، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރަސްމީ ދަތުރެއްގައި މިރޭ ރާއްޖެ ވަޑައިގެން، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާ ސަލާމް ކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިކުރުންކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އެގޮތުން، ދެ ގައުމުގެ އިސް ލީޑަރުންގެ މެދުގައި ބާއްވާ ރަސްމީ މަޝްވަރާތަކުގައި ބައިނަލްއަގުވާމީ ދާއިރާތަކުންނާއި އެކި ދާއިރާތަކުން ގުޅުން ފުޅާކުރުމާގުޅޭގޮތުން ވާހަކަދައްކަވާނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމުގެ ގޮތުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

14 ސެޕްޓެމްބަރު 2026، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރަސްމީ ދަތުރެއްގައި މިރޭ ރާއްޖެ ވަޑައިގަތުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު، އަންވަަރަށް ވީއައިއޭއިން މަރުހަބާ ދެންނެވުމުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

މި ދަތުރުގެ ތެރެއިން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރާއްޖެއާއި މެލޭޝިއާގެ ހާރިޖީ ގުޅުމަށް މިހާރު ވަނީ 58 އަހަރު ފުރިފައެވެ