މެލޭޝިޔާގައި އިންކަމް ޓެކުހާއި ކޯޓު އަމުރުތަކާއި އަދި އެހެނިހެން ސަރުކާރު އިދާރާތަކަށް ދައްކާން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން 404,848 މެލޭޝިޔާ ރައްޔިތުންނަށް ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާ ކަމަށް އެ ގައުމުގެ އިމިގްރޭޝަން އިދާރާއިން ބުނެފިއެވެ.

މެލޭޝިޔާގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް ދާތުކް ޒަކަރިއްޔާ ޝާބާން މީޑިއާތަކަށް ދެއްވި މައުލޫމާތުގައި ވިދާޅުވީ، މި ފިޔަވަޅު އަޅާފައިވަނީ ސަރުކާރު އިދާރާތަކުންނާއި އެންފޯސްމަންޓް އޭޖެންސީތަކުން ފޮނުވާފައިވާ އެންގުންތަކަށް ރިއާޔަތްކޮށް ކަމަށެވެ. މީގެ ތެރޭގައި އިންލެންޑް ރެވެނިއު ބޯޑަށް ދައްކަން ޖެހޭ އާމްދަނީ ޓެކްސް ނުދެއްކުމާއި، ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާގެ އިތުރުން އެމްޕްލޯޔީސް ޕްރޮވިޑެންޓް ފަންޑަށް ދައްކަންޖެހޭ ފައިސާ ނުދެއްކުން ހިމެނެއެވެ.

ޒަކަރިއްޔާ ޝާބާން ވިދާޅުވި ގޮތުގައި 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 400,000 އަށްވުރެ ގިނަ މީހުންގެ މައްޗަށް އިމިގްރޭޝަނުން ވަނީ ފުރުން މަނާކުރުމުގެ ފިޔަވަޅު އަޅައިފައެވެ. ބައެއް ހާލަތްތަކުގައި އެކެއްގެ މައްޗަށް އެކަކަށްވުރެ ގިނަ އިދާރާތަކުގެ އެދުމުގެ މަތީން ފުރުން މަނާކުރުމުގެ އަމުރު ނެރެވިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގައުމުން ބޭރަށް ދަތުރުކުރުމުގެ ކުރިން އެމީހެއްގެ މައްޗަށް ފުރުން މަނާކުރުމުގެ އަމުރެއް އޮތްތޯ އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޗެކްކުރުމަށް އިމިގްރޭޝަނުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ދައްކަން ޖެހޭ ފައިސާއެއް އޮތްނަމަ އެއާޕޯޓަށް ދިއުމުގެ ކުރިން އެކަމެއް ސީދާ އެ ފައިސާއެއް ހޯދުމަށް އެދިފައިވާ އިދާރާއަކާ ގުޅިގެން ހައްލުކުރުމަށްވެސް އިމިގްރޭޝަނުން އެދެއެވެ.

އިމިގްރޭޝަން އިދާރާއިން އިތުރަށް ބުނެފައިވަނީ އެއާޕޯޓުގެ ބޯޑަރު ކޮންޓްރޯލް ޕޮއިންޓްތަކުގައި އެހެން އިދާރާތަކަށް ދައްކަން ޖެހޭ ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައި ނުވާނެ ކަމަށެވެ. އެހެންކަމުން ދަތުރުމަތީގައި ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށްޓަކައި، ދަތުރުކުރުމުގެ ކުރިން ޕާސްޕޯޓުގެ ސައްހަކަމާއި ވިސާގެ ކަންކަން ފުރިހަމައަށް ޗެކްކުރުމަށް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ.