ސިނަމާލެ ބްރިޖް މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ ތަމްރީނުތަކެއް ފުރިހަމަކުރުމަށް ރާއްޖޭގެ ޓެކްނިކަލް ޓީމެއް ޗައިނާއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ މި މަހުގެ 15 އިން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުރިއަށްގެންދާ އެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ދިވެހި ޓީމާ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވަނީ މިއަދުގެ ވަގުތެއްގައި ބައްދަލުކުރައްވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ކަމަށެވެ،

މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އިސްމާއީލް ޝަފީއު އިސްވެ ހުންނަވާ އެ ޓީމުގެ މައިގަނޑު ބޭނުމަކީ، ބްރިޖު ބެލެހެއްޓުމާ ގުޅޭގޮތުން ބޭނުންވާ ފަންނީ ތަޖުރިބާއާއި ހުނަރު އިތުރަށް ހަރުދަނާކުރުންކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ޗައިނާއިން ދެމުންގެންދާ އަގުހުރި އެއްބާރުލުމެއްކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެފަދަ ފުރުސަތުތަކުން ދައްކައިދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި އަދި ގާތް ގުޅުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.