ރާއްޖޭގެ އެންމެ ބޮޑު މިސްކިތް، "ސުލްތާން މުހައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރު"ގެ ބިންގާ އަޅައިފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި ތަރައްގީކުރާ "ސުލްތާން މުހައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރު" ބިނާކުރުމަށް އިއްޔެ ވަނީ ސައުދީ އަރަބިއްޔާގެ އަލް ރާޖިހީ ކުންފުންޏާ ހަވާލުކޮށްފައެވެ. މިސްކިތާއި ވަގުފު މަޝްރޫއުތަކަށް ފައިސާ ހަމަޖައްސައިދީފައިވަނީ ވެސް އަލް ރާޖިހީ ކުންފުނިންނެވެ.

13 ސެޕްޓެމްބަރު 2026، ހުޅުމާލެ، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި ބިނާކުރާ "ސުލްތާން މުހައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރު"ގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މި މިސްކިތުގެ ބިންގާ އަޅާފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެންނެވެ. މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އަލް ރާޖިހީ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ބަންދަރު އަބްދުﷲ އަލް ރާޖީ އާއި ސައުދީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މިއަދަކީ ވަރަށް ވެސް އުފާވެރި ދުވަހެއް ކަމަށާއި މިއީ 20 އަހަރު ކުރިން ގެންގުޅުނު ތަސައްވަރެއް ނަމަވެސް، މިއަދު އެކަން ކާމިޔާބުވެފައިވާ ކަމަށެވެ. އަދި މިކަން ކާމިޔާބުވެގެންދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ހާއްސަ އަހަމިއްޔަތުގެ ސަބަބުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިސްކިތާއެކު ހެދިގެންދާ މަރުކަޒުން އިސްލާމީ ހަޟާރަތު ކިޔައިދޭނެ ގޮތަށް ހޯލުތަކާއި ކޮޓަރިތައް ހާއްސަކުރެވިފައި ހުންނާނެ ކަމަށާއި އެތަން ތަރައްގީކުރެވިގެންދާނީ ފަތުރުވެރިންނަށް ވެސް ޒިޔާރަތްކުރެވޭނެ ގޮތަށް ކަމަށެވެ. އަދި ދެ އަހަރުގެ ތެރޭގައި މިސްކިތުގެ ބައި ނިންމުމަށް އަމާޒު ހިފާފައިވީ ނަމަވެސް، ވަގުފު މަޝްރޫއުތަކަށް ގާނޫނީގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން އެ ބައި ކުރިއަށްދާނީ ވަކިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

13 ސެޕްޓެމްބަރު 2026، ހުޅުމާލެ، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި ބިނާކުރާ "ސުލްތާން މުހައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރު"ގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މި މަޝްރޫއުގެ ދަށުން ބިނާކުރާ މައި މިސްކިތުގައި އެއްފަހަރާ 10،000 އަށް ވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެއެވެ. މިސްކިތުގެ އިތުރުން، ތައުލީމީ އަދި ސަގާފީ މަރުކަޒަކާއި، އިމާމުންނާއި އިދާރީ މުވައްޒަފުންގެ އޮފީސްތަކާއި، އިސްލާމީ ކުތުބުހާނާއެއްގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ ދާރުލްއާސާރެއް މި ތަނުގައި ހުންނާނެއެވެ. މީގެ އިތުރުން، މަލްޓިޕާޕަސް ހޯލަކާއި، ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ސަރަހައްދަކާއި، ފޮތް ވިއްކާ ފިހާރައަކާއި، ހަދިޔާ ވިއްކާ ފިހާރައެއްގެ އިތުރުން މައުރަޒު ބާއްވާނެ ހޯލެއް ވެސް މި މަރުކަޒުގައި ހިމެނެއެވެ.

މި މަޝްރޫއު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އިސްލާމީ ކަންކަމަށް ހަރަދުކުރުމަށް ހާއްސަ ވަގުފުތަކެއް ވެސް މިސްކިތުގެ ކޮމްޕްލެކްސްގައި ހިމެނޭނެއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މިސްކިތް ބިނާކޮށް ނިންމުމަށެވެ.

މި މިސްކިތުގެ ނަން ހާއްސަކޮށްފައިވާ ސުލްތާން މުހައްމަދު ބިން އަބްދުﷲ (ދޮވެމި ކަލަމިންޖާ) އަކީ ރާއްޖޭގެ ފުރަތަމަ މުސްލިމް ރަސްގެފާނެވެ. އެ މަނިކުފާނަކީ ރާއްޖެ އިސްލާމްވި ދުވަސްވަރު ރަސްކަމުގައި ހުންނެވި، އަދި ބުދުދީން ދޫކޮށް އިސްލާމްދީން ގަބޫލުކުރެއްވި ރަދުންނެވެ.

12 ސެޕްޓެމްބަރު 2026: ހުޅުމާލޭގައި ބިނާކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ކުރެހުމެއް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި މަޝްރޫއު އިން އިސްލާމީ ސަގާފީ މަރުކަޒުގެ ސަބަބުން، ރާއްޖެއަށް އިސްލާމްދީން އައި ގޮތުގެ ތާރީހާއި، ފާއިތުވި 900 އަހަރުގެ ތެރޭގައި އިސްލާމްދީނަށް ހިދުމަތްކުރެއްވި އިލްމުވެރިންނާއި ރަސްކަލުންގެ ހިދުމަތްތައް އާންމުންނަށް ދައްކުވައިދޭނެއެވެ. އަދި މިއީ ހަމައެކަނި އަޅުކަންކުރާ ތަނެއްގެ ބަދަލުގައި، ރާއްޖޭގެ އިސްލާމީ ތާރީހު ދައްކުވައިދޭ ސަގާފީ އަދި ފަތުރުވެރިކަމުގެ މަންޒިލަކަށް ވެގެންދާނެ ކަމަށާއި، މިއީ ދިވެހިންގެ ކިބައިގައި ހުރި ތަހައްމަލުކުރުމާއި، ސުލްހަވެރިކަމާއި، އަމާންކަމުގެ ސިފަތައް ރަމްޒުކޮށްދޭނެ ބިނާއެއް ކަމަށް ވެސް ޝަހީމް ފާހަގަކުރެއްވިއެވެ.

މި މަޝްރޫއަކީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި މަޝްރޫއެކެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މިސްކިތް ބިނާކޮށް ނިންމުމަށެވެ.