މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ ނުވަ ގެއަކަށް ފެންވަދެ، އެއް ގޭގައި ދިރިނޫޅޭ ވަރަށް ފެންވަދެއްޖެއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އެގޮތުން މިހާތަނަށް ފޭދޫގައި ފެންބޮޑުވެ، ނުވަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

"މި ހާދިސާއާ ގުޅިގެން، ކައްކައި ކައިބޮއި ހެދުމަށް ދަތިވެފައިވާ ތިން ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދެވިފައިވާ އިރު، އެއް ގެއަކަށް ދިރިނޫޅެވޭވަރަށް ފެންބޮޑުވުމާއި ގުޅިގެން އެގޭގައި ދިރިއުޅޭ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ހިދުމަތް ތިން ދުވަހުގެ މުއްދަތަށް ވަނީ ފޯރުކޮށްދީފައި" އެންޑީއެމްއޭއިން ބުންޏެވެ.

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޒަރޫރީ ބޭނުމެއްގައި ނޫނީ އައްޑޫ ލިންކް ރޯޑުވެސް ބޭނުން ނުކުރަން އައްޑޫ ސިޓީ ކައުންސިލުން މިއަދު ވަނީ އަންގައިފައެވެ.

އެންޑީއެމްއޭއިން ބުނީ އައްޑޫގެ އިތުރުން ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާހާނާ ހޮޅިތައް ބެދިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ މިކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، ފެނަކަ ކޯޕަރޭޝަނާއި ކައުންސިލް އަދި މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.