ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން ސައުދީ އަރަބިއްޔާގެ އަލް ރާޖީ ކުންފުންޏާ ހަވާލުކޮށްފިއެވެ.
ބިން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އަލް ރާޖީ ކުންފުނިން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ބަންދަރު އަބްދުﷲ އަލް ރާޖީއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި ބިނާކުރާ "ސުލްތާން މުހައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރު" ގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން މާދަމާ ހަވީރު ބާއްވާ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއުގެ ދަށުން ބިނާކުރާ މައި މިސްކިތުގައި އެއްފަހަރާ 10،000 އަށް ވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެއެވެ. މިސްކިތުގެ އިތުރުން، ތައުލީމީ އަދި ސަގާފީ މަރުކަޒަކާއި، އިމާމުންނާއި އިދާރީ މުވައްޒަފުންގެ އޮފީސްތަކާއި، އިސްލާމީ ކުތުބުހާނާއެއްގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ ދާރުލްއާސާރެއް މި ތަނުގައި ހުންނާނެއެވެ. މީގެ އިތުރުން، މަލްޓިޕާޕަސް ހޯލަކާއި، ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ސަރަހައްދަކާއި، ފޮތް ވިއްކާ ފިހާރައަކާއި، ހަދިޔާ ވިއްކާ ފިހާރައެއްގެ އިތުރުން މައުރަޒު ބާއްވާނެ ހޯލެއް ވެސް މި މަރުކަޒުގައި ހިމެނެއެވެ.
މިސްކިތާއި ވަގުފު މަޝްރޫއުތަކަށް ފައިސާ ހަމަޖައްސައިދީފައިވަނީ އަލް ރާޖީ ކުންފުނިންނެވެ. މި މަޝްރޫއު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އިސްލާމީ ކަންކަމަށް ހަރަދުކުރުމަށް ހާއްސަ ވަގުފުތަކެއް ވެސް މިސްކިތުގެ ކޮމްޕްލެކްސްގައި ހިމެނޭނެއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މިސްކިތް ބިނާކޮށް ނިންމުމަށެވެ.
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ކޮމެންޓް