ދިރާގު ދިވެހި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ބިސް ބުރު ސްޕޯޓްސް ކްލަބުން މިއަދު ކުޅުނު މެޗުގައި ކްލަބު އީގަލްސް ކައިރިން ބަލިވި އިރު، އެ މެޗުގައި ބިސް ބުރުން ބޭނުންކުރީ ގައުމީ ޓީމުގެ ނޫ ޖާޒީއެކެވެ. އެއީ މިއަދު މެޗުގައި ބިސް ބުރުން ބޭނުންކުރަން އޮތް ޖާޒީ، އީގަލްސްގެ އޮރެންޖް ޖާޒީއާ ކުލަ އެއްގޮތްވުމުންނެވެ. އެއީ އާންމުކޮށް ނުފެންނާނެ މަންޒަރެކެވެ. ސަބަބަކީ ގައުމީ ޓީމުތަކުން ޕްރެކްޓިސްއަށް ނޫނީ، އެކުވެރިކަމުގެ މެޗުތަކަށް ބޭނުންކުރާ ޖާޒީތަކަކީވެސް ގިނަ ފަހަރަށް ފުޓުބޯޅައިގައި އެންމެ ޝަރަފުވެރި ޖާޒީތައް ކަމަށްވާތީއެވެ.
"އަހަންނަށް ގަބޫލުކުރެވެނީ މިއީ ސީރިއަސް ކަމެއްގެ ގޮތުގައި. އެއީ ރާއްޖޭ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ޖާޒީއަށް އެ ކުރެވުނީ ބޭއިހުތިރާމު،" ރާއްޖޭގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ނިޒާމްބެ ބުނީ ގައުމީ ޖާޒީގައި ގައުމު ތަމްސީލުކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް ފަހުރުވެރިކަމާއެކު ކުރާ ކަމެއް ކަމަށާއި، އެ ޖާޒީ އެހެން ހައިސިއްޔަތަކުން ބޭނުންކުރުން އެއީ އަޅާނުލައި ދޫކޮށްލެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. ނިޒާމްބެ ގޮވާލީ އެ މައްސަލަ ސްޕޯޓްސް ކައުންސިލާއި ސްޕޯޓްސް މިނިސްޓްރީންވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެކަމަށް ޒިންމާވާން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށެވެ.
އޭގެ އިތުރުން ނިޒާމް ބުނީ އެފަދަ ކަންކަމުން މުބާރާތް އިންތިޒާމުކުރާ ފެންވަރާމެދު ސުވާލުތަކެއް އުފެދޭ ކަމަށެވެ.
"އެ ހިނގާދިޔަ ކަންތަކުން ސީރިއަސް ސުވާލުތަކެއް އުފެއްދޭނެ ޖާގަ އެބައޮތް. އެއީ އޮގަނައިޒް ކުރުމުގެ ފެންވަރާ ދޭތެރޭ އުފެދޭ ސުވާލު. އަދި ގައުމީ ޓީމުގެ އޮނިގަނޑު ތެރޭގައި ޕްރޮފެޝަނަލްކަން އޮތް މިންވަރާއި އެންމެ މަތީ ފަންތީގެ މުބާރާތްތަކުގެ ހައިބަތާ ދޭތެރޭ އުފެދޭ ސުވާލު. ގައުމީ ޖާޒީއަކީ ޒިންމާއާއި ގަދަރު އަދި އިހުތިރާމު ރަމްޒުކޮށްދޭ ޖާޒީއެއް. އެކަމަށް ކުޅުންތެރިންނާއި އޮފިޝަލުން އަދި އެޑްމިނިސްޓްރޭޓަރުންނާއި ގައުމީ އެސޯސިއޭޝަނުންވެސް ވިސްނަން ޖެހޭނެ،" ނިޒާމްބެ ބުންޏެވެ.
މިދިޔަ ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން ނިޒާމްބެ ބުނީ ގައުމީ އެންމެ މަތީ ފެންވަރުގެ މުބާރާތްތަކުގެ އިންތިޒާމު ރަނގަޅުކޮށްގެން ނޫނީ ފުޓުބޯޅައަށް އަލުން އިހުތިރާމު ހޯދަން އުނދަގޫވާނެ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް