ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގދ. ގައްދުއާއި ނިއު ރޭޑިއަންޓް ވާދަކުރި މެޗުން ނިއު ރޭޑިއަންޓް މޮޅުވެއްޖެއެވެ.
މިއަހަރުގެ ޕްރިމިއާ ލީގުގައިވެސް 10 ޓީމަކުން ވާދަކުރާ އިރު، އޭގެ ތެރެއިން ދެ ޓީމަކީ އަތޮޅު ތެރޭގެ ދެޓީމެވެ. އެއީ މިދިޔަ ސީޒަނުގެ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގައްދޫގެ އިތުރުން ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދުއެވެ. އެ ދެ ރަށުގެ ހޯމް މެޗުތައް އެ ރަށުގައި ކުޅެން އެފްއޭއެމްއިން ނިންމާފައިވާ އިރު، މިއަދު ގައްދޫން އެރަށުގައި ކުޅުނު މެޗަކީ، ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް އަތޮޅު ތެރޭގައި ކުޅުނު ލީގު މެޗެވެ.
ގައްދޫ ދަނޑުގައި އެރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މެޗުގައި ނިއު ރޭޑިއަންޓުން އެޓީމު ބަލިކުރީ 2-0 އިންނެވެ. ގައްދޫން ޑިފެންސިވްލީ ރަނގަޅު ކުޅުމެއް ކުޅެފައިވާ އިރު، މެޗުގެ ބޮޑު ބައެއްގައި ނިއު ރޭޑިއަންޓް އެޓޭކްލައިން ހިފެހެއްޓިއެވެ. މެޗުގައި ނިއު ރޭޑިއަންޓްގެ ދެ ގޯލްވެސް ފެނުނީ ފުރަތަމަ ހާފުގައެވެ.
ފުރަތަމަ އިއްޔެ ކުޅެން އޮތް މެޗު ވިއްސާރައިގެ ސަބަބުން މިއަދަށް ފަސްކޮށްފައިވާ އިރު، ނިއު ރޭޑިއަންޓް ވަނީ މެޗުގެ ނުވަ ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ގޯލް ޖެހީ ޑޮރިއެލްޓަން ގޮމޭސް (ޑޯރީ) އެވެ. އަރިމަތިން ގޮމޭސް ޑަ ސިލްވާ ނެގި ހުރަސް އޭނާ ގޯލަށް ވައްދާލީ ބޮލުންނެވެ.
އޭގެފަހުން ނިއު ރޭޑިއަންޓުން ބޮޑަށް ނުރައްކާކުރި އިރު، އަލީ ފާސިރު (ސެންޓޭ) އާއި އަބްދުﷲ ބިލިޓީގެ ހަމަލާތައް ކާމިޔާބެއް ނުވިއެވެ.
ކައުންޓާއަށް ވިސްނައިގެން ކުޅެމުންދިޔަ ގައްދޫން ވަނީ މެޗު އެއްވަރުކުރުމާވެސް ގާތަށް ޖެހިލައިފައެވެ. މަތިމަތިން ކީޕަރު ބޯޖާން ވުކްމިރޮވިޗް ވައްޓާލި ބޯޅައިގައި އުރޯސް ޖެމޯވިޗް އަހުމަދު އަބްދުﷲ (ލިލީ) ކައިރިން ދެމިގަތުމުން އޭނާ ކުރި ފައުލުގައި އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ގައްދުއަށް ހިލޭ ޖެހުމެއް ލިބުނެވެ. އެ ހިލޭ ޖެހުމުގައި ޖެމޯވިޗް ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ.
ނިއު ރޭޑިއަންޓުން ދެވަނަ ގޯލް ޖެހީ ހާފު ނިމެން ދަނިކޮށެވެ. ޑަ ސިލްވާ ނަގައިގެން ބޯޅަ އަނެއްކާވެސް ގޯލަށް ވައްދާލީ ފޯމުގައި ހުރި ޑޯރީއެވެ. ޑޯރީ ވަނީ މިހާތަނަށް ސީޒަނުގައި ކުޅުނު ފަސް މެޗުން 10 ގޯލް ޖަހައިފައެވެ.
ދެވަނަ ހާފުގައިވެސް ނިއު ރޭޑިއަންޓުން ބޮޑަށް ނުރައްކާކުރި ނަމަވެސް ގޯލެއް ނުފެނުނެވެ. އަލީ އަޝްފާގު (ދަގަނޑޭ) އާއި ޑޯރީގެ ހަމަލާތައް ދިޔައީ ކާމިޔާބު ނުވެއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް