ދިރާގު ދިވެހި ޕްރިމިއާ ލީގު 2026 ގައި، ރާއްޖޭގެ މިދިޔަ ހަ ސީޒަނުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން 1-0 އިން އޮޑި ބަލިކުރި އިރު، ރޭގެ މެޗު ކުޅުނީ ވިއްސާރައިގައެވެ. މެޗުގެ ފުރަތަމަ ހާފުގެ ތެރެއިން ދަނޑުގެ ލައިޓް ސިސްޓަމް މައްސަލަ ޖެހިގެން 20 ވަރަކަށް މިނެޓަށް މެޗު މެދުކަނޑާލަން ޖެހިފައިވެއެވެ.

މާޒިޔާއިން ރޭގެ މެޗަށް ނުކުތީ މި ސީޒަނުގެ ޗެރިޓީ ޝީލްޑާއި ކަޕް ވިނާސް ކަޕް ކާމިޔާބުކޮށް، ރަނގަޅު ފޯމެއްގައި އޮވެގެންނެވެ. މެޗުގެ ކުރީކޮޅުގައި މާޒިޔާގެ ޒުވާން ފޯވަޑް، މުހައްމަދު އިލާން އިމްރާނަށް އަނިޔާވެ، އޭނާގެ ބަދަލުގައި ނައިޖީރިއާގެ ފޯވާޑް، ބެންޖަމިން ކުކޫ ކުޅެން ނެރެފައިވެއެވެ. އިލާނަކީ މާޒިޔާއަށް މުހިއްމު ކުޅުންތެރިއެކެވެ. ދާދިފަހުން 20 އަހަރުން ދަށުގެ ގައުމީ ޓީމުން އޭއެފްސީ އޭޝިއަން ކަޕްގެ ޑެވަލޮޕްމަންޓް ފޭސްއިން ޕްރޮމޯޓްވި އިރު، އޭނާ ވަނީ އެޓީމުގައިވެސް މުހިއްމު ރޯލެއް އަދާކޮށްފައެވެ.

މެޗުގެ 11 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ނަގާފައިވާ އިރު، އެ ޓީމު ލީޑު ނެގީ ކުކޫގެ ޕެނަލްޓީއަކުންނެވެ. ޕެނަލްޓީއަކީ އޭރިއާތެރެއިން މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަށް އޮޑީގެ ޑިފެންޑަރު ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

ބޯ ވިއްސާރައިގެ ތެރޭގައި ދެ ވަނަ ހާފު ކުޅެން ޖެހުނު އިރު، އޮޑީގެ އަހުމަދު އައިހަމް (އައިހު) ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް މާޒިޔާގެ ކީޕަރު، ހުސެއިން ޝަރީފް މަތަކުރިއެވެ.

އޮޑިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަަގުތުގައި އެޓީމުގެ އަބްދުﷲ ޖުނައިދު (ޖެންނެ) އަށް ސީދާ ރަތެއް ދެއްކުމުންނެވެ. ބަދަލަކަށް ދެވަނަ ހާފުގައި ކުޅެން އެރި، ޖެންނެއަށް ރަތް ކާޑެއް ދެއްކީ މާޒިޔާގެ ބެނިން މިޑްފީލްޑަރު، ގޯމޭޒަށް ބޯޅަ ނެތިސް ހަމަލާ ދިނުމުންނެވެ.