ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 14 އިން 15 އަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރުގައި ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.

ރައީސް އޮފީހުން މިއަދު ބުނީ ބޮޑުވަޒީރު އަންވަރުގެ މި ދަތުރުފުޅަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވި ދައުވަތަކާ ގުޅިގެން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިކުރުންކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން، ދެ ގައުމުގެ އިސް ލީޑަރުންގެ މެދުގައި ބާއްވާ ރަސްމީ މަޝްވަރާތަކުގައި ބައިނަލްއަގުވާމީ ދާއިރާތަކުންނާއި އެކި ދާއިރާތަކުން ގުޅުން ފުޅާކުރުމާގުޅޭގޮތުން ވާހަކަދައްކަވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމުގެ ގޮތުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުގެ ތެރެއިން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެއާއި މެލޭޝިއާގެ ހާރިޖީ ގުޅުމަށް މިހާރު ވަނީ 58 އަހަރު ފުރިފައެވެ.