މިރޭ ފެށޭ ދިރާގު ދިވެހި ޕްރިމިއާ ލީގު ވެގެންދާނީ ފުޓުބޯޅައާ ދުރުގައި ތިބި ސަޕޯޓަރުންނަށްވެސް ޝައުގުވެރި ލީގަކަށް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ތޯމަސް ޓްރުޗާ ބުނެފިއެވެ.
ރާއްޖޭގެ ފުޓުބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޕް ވިނާސް ކަޕް މާޒިޔާއިން ކާމިޔާބު ކޮށްފައިވާ އިރު، ލީގުގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޓްރުޗާ ބުނީ މުބާރާތަށްފަހުވެސް ރަނގަޅު ތަމްރީނުތަކެއް ހެދުނު ކަމަށެވެ.
"ކަޕް ވިނާސް ކަޕަށްފަހު ރަނގަޅު ދެ ހަފުތާއެއްހާ ދުވަހު ޕްރެކްޓިސް ކޮށްލެވިއްޖެ. އެހެން ނަމަވެސް އަހަރެމެންނަށް މި ލިބުނީ 14 ވަރަކަށް ކުޅުންތެރިންނާއެކު ތަމްރީނުކުރަން. އެއީ ޒުވާން ގައުމީ ޓީމާއެކު ގިނަ ކުޅުންތެރިން ދިޔުމާއެކު. އޭގައި ހިމެނޭ އަހަރެންގެ އެސިސްޓެންޓް ކޯޗާއި މެޑިކަލްވެސް. އެޓީމަށް އަހަރެން މަރުހަބާ ކިޔަން ބޭނުންވޭ. މާޒިޔާގެ ފަރާތުން ކުޅުންތެރިން އެހީވެގެން އެ ކާމިޔާބީ ހޯދުމަކީ މުހިއްމު ކަމެއް. މިހާރު އެ ކުޅުންތެރިންވެސް އައިސް ޓީމު ހަމަވެއްޖެ. ދެން މިހާރު ގިނަ ކުޅުންތެރިންނަށް އެނގޭނެ އަހަރެން ކުޅެން ބޭނުންވާ ގޮތް،" ޓްރުޗާ ބުންޏެވެ.
މާޒިޔާގައި ހިމެނޭ ޒުވާން ކުޅުންތެރިންނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓްރުޗާ ބުނީ، ޓީމުގައި ހުނަރު އެބަހުރި ކަމަށާއި އެ ކުޅުންތެރިންގެ ވާހަކަ ވަކިވަކިން ދެއްކުން އެއީ އެހާ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ. އެއީ އެ ކުޅުންތެރިންނަކީ މިވަގުތު އަރަމުން އަންނަ ކުޅުންތެރިން ކަމަށްވުމާއެކު ފުޓުބޯޅައަށް ފޯކަސް ކުރުން މުހިއްމުވާނެތީ ކަމަށްވެސް އޭނާ ބުންޏެވެ.
ޓްރުޗާ އިތުރަށް ބުނީ މާޒިޔާގައި އޮތީ ޒުވާން ކުޅުންތެރިންތަކެއްގެ ސްކޮޑެއް ނަމަވެސް، އެ ކުޅުންތެރިންނާ ދޭތެރޭ ގެންގުޅޭނީ ސީނިއާ ޕްރޮފެޝަނަލް ކުޅުންތެރިންނާ ދޭތެރޭ ގެންގުޅޭ ގޮތް ކަމަށެވެ. ޒުވާން ކުޅުންތެރިންގެ ހަކަތަ ރަނގަޅުވާނެ ކަމަށް ބުނެ، ޓްރުޗާ ބުނީ މާޒިޔާއަކީ މިހާރު ބެލެންސް ޓީމެއް ކަމަށެވެ. އެއީ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހަކަތަ ހުރި ކުޅުންތެރިން އެކުވެފައިވާ ޓީމެއް ކަމަށެވެ.
ލީގުގެ ފޯރިއާ ގުޅިގެން ޓްރުޗާ ބުނީ މިއީ ސަޕޯޓަރުންނަށް ޝައުގުވެރި ލީގަކަށްވާނެ ކަމަށާއި، ލީގަށް ވާދަކުރާނެ ފަހެއް ނޫނީ ހަ ޓީމު އެބަ އޮތް ކަމަށެވެ.
"ލީގުގައި މިހާރު އޮތް ޓީމުތަކަށް ބަލާއިރު ހުރިހާ މެޗެއްވެސް މުހިއްމުވާނެ. ދެން މެޗުތައް މި އޮންނަނީ ބްރޭކްތަކާވެސްއެކު. އިންޓަނޭޝަނަލް ބްރޭކްތަކާއެކު. އެކަމަކު އެއީ މައްސަލައެއް ނޫން. އަހަންނަށް އެބަ އެނގޭ މެޗުތައް އޮންނަ ދުވަހާއި ގަޑިތައްވެސް. އެއީ ބައެއް ގައުމުތަކުގައި ނޭނގޭ އެއްޗެއް. އެހެންވީމަ އެކަންކަން ރަނގަޅު. އަހަންނަށް ފެންނަނީ ވަރަށް ތަފާތު ވާދަވެރިކަމެއްގެ ލީގެއް. ޝައުގުވެރި ލީގެއް. ލީގު ނުބަލާ ތިބި ސަޕޯޓަރުންނާއި މިކަމާ ދުރުގައި ތިބި މީހުންވެސް ބަލާލަން ރަނގަޅު ލީގެއް މިއީ. އެއީ ފަސް ހަ ޓީމު އެބަ ބުނޭ ތަށްޓަށޭ މި ނުކުންނަނީ. ވަރަށް ވާދަވެރި، އަންޕްރެޑިކްޓެބަލް ލީގެއް މިއީ. ބޭނުންވަނީ ސަޕޯޓަރުން ދަނޑުން ފެނުން،" ޓްރުޗާ އިތުރަށް ބުންޏެވެ.
މާޒިޔާއާއި އޮޑި ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް