ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 2، ހިތިގަސް މަގު، ވިނަރެސް 5 ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު ރޭ 11:05 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ދެ ސައިކަލު ދުއްވަން ތިބި މީހުންނާއި ފަހަތުގައި ތިބި ޖުމުލަ ހަތަރު މީހަކަށް އަނިޔާ ވެފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ އިރު، ފަހަކަށް އައިސް ހުޅުމާލޭގައި ވަނީ އެކްސިޑެންޓުތައް ގިނަވެފައެވެ. އެގޮތުން ވިނަރެސް ޓަވަރު 7 ކައިރިން މިދިޔަ މަހުގެ 29 ގައި ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބި ވަނީ ނިޔާވެފައެވެ. އަދި ހިޔާ ޓަވަރު 9 ކައިރިން މިދިޔަ މަހުގެ 31 ގައި ހިނގި އެކްސިޑެންޓެއްގައި ދެބަފައިންނަށް އަނިޔާވެ، އޭގެ ތެރެއިން ބައްޕަގެ ހާލު ސީރިއަސްވެ ވަނީ އުންމީދު ކަނޑާލައިފައެވެ.

ހުޅުމާލޭގައި އެކްސިޑެންޓުތައް ގިނަވަމުންދާތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފުލުހުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.