ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް އޮވެގެންކަން ބޭރު ފައިސާއާ ބެހޭ ގާނޫނު އަދި މަނީ ޗޭޖިން ވިޔަފާރިއާ ބެހޭ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބައެއް ފަރާތްތަކުން ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމުގެ މުއާމަލާތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި މިކަމަކީ ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ކުށެއް ކަމަށްވާތީ، އެއްވެސް ފަރާތަކުން އެމްއެމްއޭގެ ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއެކު މިފަދަ މުއާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެއްވެސް ފަރާތަކުން ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތެއް ބޭންކެއް ފިޔަވައި އެހެން ފަރާތަކާއެކު ކުރާނަމަ، އެ މުއާމަލާތްކުރެވެނީ ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކާއެކު ކަން ކަށަވަރުކޮށް، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެކަންކަން ކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ގާނޫނާ ގަވައިދާ ހިލާފަށް ބޭރުފައިސާގެ މުއާމަލާތްކުރި މަނީ ޗޭންޖަރެއްގެ ލައިސަންސް ވެސް އެމްއެމްއޭއިން ދާދި ފަހުން ވަނީ ބާތިލުކޮށްފައެވެ.
އެމްއެމްއޭއިން ކަނޑައަޅާ ރަސްމީ ރޭޓާ ހިލާފަށް ޑޮލަރު ވިއްކުން ކުށަކަށް ހަދައި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 31 ގައި ތަސްދީގުކުރައްވައިފައެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ޑޮލަރު ވިއްކުމާއި، އިޝްތިހާރު ކުރުމަކީ ކުށެކެވެ. ބޭރު ފައިސާ ގަނެ ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އޮތޯރިޓީން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ މަތި ނުވާ ގޮތެއްގެ މަތިން ކަމަށާއި އެ ރޭޓާ ހިލާފަށް ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުންވެސް ކުށަކަށްވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ބޭރުފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތްކޮށްފިނަމަ އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި، 25،000 އާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިޝްތިހާރު ކުރުމާއި، ޕްރޮމޯޓްކުރުމަކީވެސް މި އިސްލާހުގެ ދަށުން ކުށެކެވެ. އެގޮތުން އެއްވެސް ފަރާތަކުން ބޭރުފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއް އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުގައި އިޝްތިހާރު ކުރުމާއި، ޕްރޮމޯޓް ކުރުން ކަމުގައި ބުނެފައިވަނީ އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ބޭރު ފައިސާ ގަނެވިއްކުން އިޝްތިހާރު ކުރުމަށްޓަކައި ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެނޫންވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ހާމަކުރުމާއި، ޝާއިއު ކުރުމާއި، ފެތުރުމާއި، ތަކުރާރު ކުރުމާއި ފޯރުކޮށްދިނުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މިދިޔަ މަހުގެ 24 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ ޑޮލަރު ކަޅު ބާޒާރު ހިންގުމުގެ ފަހަތުގައި ބޮޑެތި ރިސޯޓް ޗެއިންތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކުގެ އިތުރުން ސިޔާސީ ބޭފުޅުން އެބަތިބި ކަމަށާއި އެ މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން ހަތް ގުޅޭ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި އެ ތަންތަނުން އެކަނިވެސް ފާއިތުވި ނުވަ ދުވަހުގެ ތެރޭގައި 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ހުއްދަ ނުނަގައި މިފަދަ މުއާމަލާތްތައް ހިންގުމަކީ ޖިނާއީ ކުށެއް ކަމަށާއި ޖިނާއީ ކުށެއް ކޮށްގެން އަމިއްލަ ގޮތުންނާއި ވިޔަފާރިތަކުން ފައިދާ ހޯދުމަކީ މަނީ ލޯންޑާކުރުން ކަމަށެވެ.
"ޖިނާއީ ކުށެއް ކޮށްގެން އަމިއްލަ ގޮތުންނާއި ވިޔަފާރިތަކުން ފައިދާ ހޯދުމަކީ މަނީ ލޯންޑާކުރުން. އެނގިގެންވެސް ނޭންގިވެސް މަނީ ލޯންޑްރިންގައި މި ބައިވެރިވެވެނީ. މި ތަންތަނުން ރާއްޖެއަށް ބޭރު ފައިސާ ވަންނަ މަސައްކަތެއް ނުކޮށް، މަނީ އެކްސްޗޭންޖް މަސައްކަތް މިކުރަނީ. އެކްސްޗޭންޖް ކުރާ ބައެއް މިއީ" މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތަކުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ބޮޑުވުމާ ގުޅިގެން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ ޑޮލަރު ހޭދަކުރާ ގޮތް މޮނިޓާ ކުރުމަށް ވެސް އެމްއެމްއޭ އިން ވަނީ ނިންމައިފައެވެ.
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް