މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "މަނީ ޗޭންޖާ ސިސްޓަމް" އިފްތިތާހުކޮށްފިއެވެ.
އެމްއެމްއޭއިން މިއަދު ބުނި ގޮތުގައި، މިއީ މަނީ ޗޭންޖިން ވިޔަފާރިކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރުމަށް ތައާރަފުކުރި ނިޒާމެކެވެ. މި ސިސްޓަމް އިފްތިތާހުކޮށްދެއްވީ އެ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ.
މި އާ ސިސްޓަމަކީ މަނީ ޗޭންޖިން ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ޑިޖިޓަލްކުރުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ނިޒާމުގެ ސަބަބުން އިދާރީ މަސައްކަތްތައް އޮޓޮމޭޓްކުރެވި، އެމްއެމްއޭއާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް އަވަސްވެ، ފަސޭހަކަމާއެކު ކުރިއަށްގެންދެވޭނެއެވެ.
މީގެ އިތުރުން، މުއާމަލާތްތައް ރިކޯޑުކުރުމަށާއި ރިޕޯޓުކުރުމަށް ވެސް މި ޕްލެޓްފޯމުގެ ސަބަބުން ފަސޭހަވެގެންދާނެއެވެ. އެގޮތުން، ގަވާއިދުން ފޮނުވަންޖެހޭ މައުލޫމާތުތައް ހިއްސާކުރުމާއި، ފައިސާ މާރުކުރުމުގެ މުއާމަލާތްތަކުގެ ރިޕޯޓުތައް މި ސިސްޓަމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭއިން ބުނީ، މި ބަދަލުގެ ސަބަބުން މި ދާއިރާގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބި، މާލީ ދާއިރާ އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަންނަ ޑިސެންބަރު 1 އިން ފެށިގެން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކަކުން ވެސް މުއާމަލާތްތައް ރިކޯޑުކޮށް ރިޕޯޓުކުރުމަށް ބޭނުންކުރާނީ މި ސިސްޓަމެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް