މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފިންލިޓް ފެސްޓް ބަހުސް މުބާރާތުގެ ފައިނަލް ބުރަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ސީއެޗްއެސްއީ ހުޅުމާލެ ހޮވިއްޖެއެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހަތަރު ޓީމަކާއެކު އިއްޔެ ފެށި މި މުބާރާތުގައި މުޅިއެކު ހަ ބުރުގެ ބަހުސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި މުބާރާތުގައި ވާދަކޮށްފައިވަނީ ސީއެޗްއެސްއީ ހުޅުމާލެއާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޓީމުތަކެވެ.

7 ނޮވެމްބަރު 2026، އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތުގެ ތެރެއިން -- ފޮޓޯ/ އެމްއެމްއޭ

މި މުބާރާތުގެ ބަހުސްތަކުގައި ބައިވެރިން ވަނީ އިގުތިސާދީ އެކިއެކި މައުލޫތަކާއި އިޖުތިމާއީ އިގުތިސާދީ މައުލޫތަކަށް ފުޅާ ދާއިރާއެއްގައި ވާހަކަދައްކައިފައެވެ.

މިއީ މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން 2025 ވަނަ އަހަރު އެމްއެމްއޭއިން ފެށި "އެމްއެމްއޭ ފިންލިޓް ފެސްޓް" ހަރަކާތުގެ ތެރެއިން ކުރިއަށްގެންދާ މިފަދަ ދެވަނަ ބަހުސް މުބާރާތެވެ. މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނާއި ދަރިވަރުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމާއި އިގުތިސާދީ މައްސަލަތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް އެ ކަންކަމާމެދު ފުންކޮށް ވިސްނުމަށް ހިތްވަރުދިނުމުގެ އިތުރުން ވާހަކަދެއްކުމުގެ ހުނަރު ތަރައްގީކުރުމެވެ.

އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ.