ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޑޮލަރު އާމްދަނީ މާރުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހަނދާންކޮށްދީފިއެވެ.
ބޭރު ފައިސާއިން ލިބޭ އާމްދަނީ، ޖެހިގެން އަންނަ މަހުގެ 28ގެ ކުރީން މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން މާރުކުރުމުގެ އިލްތިޒާމު، ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް އަދާކުރަމުން ގެންދިއުމަށް ހަނދާންކޮށްދޭ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ ސުންގަޑި ހަމަވާއިރު ވެސް، ގާނޫނާ އެއްގޮތަށް މާރުކުރުމުގެ އިންތިޒާމު ފުރިހަމަ ނުކުރާ ފަރާތެއްވާ ނަމަ އެ ފަރާތްތަކުގެ ނަން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އާންމު ކުރާނެ ކަމަށެވެ.
ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން މަހަކު ލިބޭ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ލާޒިމުކޮށް އެ އުސޫލަށް މިދިޔަ އޮގަސްޓް މަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.
އެގޮތުން ބޭރުފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމު ވާނީ، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތަކުން ވިއްކާ ނުވަތަ ދޭ މުދަލާއި ހިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކަށެވެ.
މި ފައިސާ ޖަމާކުރަން ވާނީ، އެމްއެމްއޭއިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އަދި ފައިސާ ޖަމާކުރާ ބޭންކް އެކައުންޓުގެ މައުލޫމާތު އެ އޮތޯރިޓީއާ ހިއްސާކުރަން ޖެހޭނެއެވެ.
މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 40 ޕަސެންޓް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނީ ކެޓަގަރީ-އޭގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުންނެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ބޭރު ފައިސާ މާރުކުރަން ޖެހޭނީ ހަމަ ކުރިން ވެސް އެ ގާނޫނުގައި އޮތް ގޮތަށް ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 ޕަސެންޓެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް