ލިވަޕޫލުން އެއްބަސްވުން އާކުރަން މަސައްކަތް ނުކުރާތީ އެކަމާ ދެރަވެ ހިތްހަމަ ނުޖެހޭ ކަމަށް އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކް އަލިސްޓާ ބުނެފިއެވެ.

މެކް އަލިސްޓާ 2023 ވަނަ އަހަރު ބްރައިޓަންއިން ލިވަޕޫލަށް ސޮއިކޮށްފައިވާ އިރު، އޭނާގެ އެއްބަސްވުމުގައި އަދި ބާކީ ދެ އަހަރު އެބައޮތެވެ. މިވަގުތު މެކް އަލިސްޓާއާއެކު ލިވަޕޫލްގެ މެދަށް ކުޅެމުންދާ ރަޔަން ގްރަވެންބާޗާއި ޑޮމިނިކް ޒޮބޮޝްލާއީގެ އެއަބަސްވުން މިއަހަރު ކުރީކޮޅުގައި ލިވަޕޫލުން އާކުރިއެވެ.

އެ ދެ ކުޅުންތެރިންގެ އެއްބަސްވުން އާކުރި ނަމަވެސް ހަބަރުތައް ބުނެފައިވަނީ މެކް އަލިސްޓާއަށް ކްލަބުން އެންގީ އާ އެއްބަސްވުމެއް ދެވެން ނެތް ކަމަށެވެ.

"އަހަންނަށްވެސް ހަބަރު ލިބިއްޖެ، ކްލަބުން އަހަންނަށް އިތުރު އެއްބަސްވުމެއް ނުދޭން ނިންމާފައިވާ ކަމަށް. އެއީ ވަރަށް ދެރަވި ހަބަރެއް. މި ކްލަބު ދެކެ އަހަރެން ވަރަށް ލޯބިވޭ،" މެކް އަލިސްޓާ، ލިވަޕޫލުން މިރޭ ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ބުންޏެވެ.

މެކް އަލިސްޓާ އިތުރަށް ބުނީ މިދިޔަ ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލުމުގެ ވިސްނުމެއް ގެންގުޅުނު ނަމަވެސް، މިހާރު ހުރީ 100 ޕަސެންޓް ކްލަބަށް ދޭން ތައްޔާރަށް ކަމަށެވެ. އަދި އާ ކޯޗު، އަންޑޯނީ އިރައޯލާއާއެކު ހާއްސަ ކަންތައްތަކެއް ހާސިލުކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް 2022 ވަނަ އަހަރު އާޖެންޓީނާއާއެކު ވޯލްޑް ކަޕް ހޯދި މެކް އަލިސްޓާ ބުންޏެވެ.