ސްޕެއިންގެ ފުޓުބޯޅަ ފެޑަރޭޝަނުން އެގައުމުގެ އަންހެން ކުޅުންތެރިންނާއި ރެފްރީންނަށް ދަރިމައިވުމުގެ ކަންކަމުގައި މި ޒަމާނުގެ ޓެކްނޮލޮޖީގެ ބޭނުން ހިލޭ ކުރެވޭނެ ގޮތަކަށް އެއްބަސްވުމެއް ހަދައިފިއެވެ.
ދަ ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑަރޭޝަން (އާރްއެފްއީއެފް) އިން އިއްޔެ އެއްބަސްވުން ހަދާފައިވަނީ ޓަމްބްރޭ ކްލިނިކާ އެކުގައެވެ. އެ އެއްބަސްވުމުގެ ސަބަބުން އެގައުމުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އެންމެ މަތީ ފަންތީގެ ރެފްރީންނަށް އައިވީއެފްގެ ފަރުވާ ހެދުމާއި، އެ ފަރުވާއަށް "އެގް ފްރީޒް" ކުރުމުގެ ކަންކަން ހިލޭ ކުރެވޭނެއެވެ.
ފުޓުބޯޅަ ފެޑަރޭޝަނުން ބުނެފައިވަނީ އެކަހަލަ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމީ، ކުދިން ހޯދަން ބޭނުންވުމުގެ އިތުރުން ކެރިއަރުގެ އެންމެ ޕީކުން ދުވަސްތަކެއް ދުއްވާލަން ބޭނުންވާ ކުޅުންތެރިންނާއި ރެފްރީންނަށްވެސް ކެރިއަރު ނިންމާލާފައި ދަރިން ހޯދުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. އަދި އެކަމަކީ ސްޕެއިންގެ ކުޅިވަރު ތާރީހުގައިވެސް އަންހެނުންނަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށްވާނެ ކަމަށްވެސް ފުޓުބޯޅަ ފެޑަރޭޝަނުން ބުނެފައިވެއެވެ.
ސްޕެއިން ފެޑަރޭޝަނުން ރަސްމީކޮށް އެއްބަސްވުން އިއުލާނުކުރުމަށް ބޭއްވި ހާއްސަ އިވެންޓުގައި ގައުމީ ޓީމުގެ އޮލްގާ ކާމޯނާއާއި ޕަޓްރީ ގިޖާރޯ ބައިވެރިވެފައިވެއެވެ. އެ ދެކުޅުންތެރިންވެސް ވަނީ ފެޑަރޭޝަނުގެ ނިންމުމަށް މަރުހަބާ ކިޔައިފައެވެ.
އެ ދެކުޅުންތެރިން ބުނެފައިވަނީ ކެރިއަރު ކުރިއަށް ގެންދަމުން މަންމައެއްގެ ޒިންމާ އަދާކުރުމަކީ އުނދަގޫކަމަކަށްވެފައި އޮންނަ ކަމަށާއި، އެކަމަށް ހާއްސަ ސަމާލުކަމެއްދީ، އަންހެން ކުޅުންތެރިންނަށް ހޯދައިދިން ފުރުސަތަކީ މުޅި ކުޅިވަރު ނިޒާމަށް ގެނެސްދިން ހެޔޮ ބަދަލެއް ކަމަށެވެ.
ސްޕެއިން ފުޓުބޯޅަ އިދާރާއިން ބުނެފައިވަނީ ދަރިމައިވުމުގެ ކަންކަމަށް އެހީވެދޭން ނިންމީ ކެރިއަރު ކުރިއަށްގެންދަމުން ކުދިން ހޯދުމަށް ބާރުނާޅާތީ ނޫން ކަމަށާއި، އެއީ އަންހެން ކުޅުންތެރިންނަށް ހޯދައިދިން އޮޕްޝަނެއް ކަމަށެވެ.
ސްޕެއިން ފެޑަރޭޝަނުގެ ނިންމުން ރަނގަޅު ކަމަށް ގިނަ ބަޔަކު ބުނަމުންދާ ނަމަވެސް، ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ މަސައްކަތުގެ މާހައުލުގައި އަންހެންނުނަށް އެކަނި ހޯދައިދެވޭ ބޮޑު ލުޔެއް ކަމަށެވެ. އަދި އެކަމުގައި ހަމަހަމަކަން ގެއްލޭ ކަމަށެވެ.
ސްޕެއިން
ސްޕެއިން
ސްޕެއިން
ސްޕެއިން
ކޮމެންޓް