މަސްތުވާތަކެއްޗާ ދެކޮޅަށް ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލެ ފޭސް އެކެއްގެ ވެމްކޯ ބުރިޖު ކައިރިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފ. މަގޫދޫ/ ހަނދުވަރީގެ، އިސްމާއީލް އިޒްހާން (25އ) އާއި ލ. އިސްދޫ/ ހުސްނޫގެ، އާމިނަތު ރުޝްދާ (21އ) އެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހުޅުމާލެ ފޭސް އެކެއްގެ ވެމްކޯ ބުރިޖު ކައިރިންނެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 140.03 ގުރާމުގެ ތަކެއްޗާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ތިން ބިޑި ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާއީލް އިޒްހާން 15 ދުވަހަށް އަދި އާމިނަތު ރުޝްދާ 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.