ރާ ބޮއިގެން ކާރު ދުއްވަނިކޮށް، އެކްސިޑެންޓްވި ލ. ކަލައިދޫ ނެސްޓް ގުފްރާން ހާލިދު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ރާބޮއިގެން ކާރު ދުއްވަނިކޮށް އޭނާ އެކްސިޑެންޓް ވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ، 7:19 އެހާކަންހާއިރު، ހުޅުމާލެ ފޭސް ދޭއްގެ އިމާން މިސްކިތް ކައިރީގައި ޕާކްކޮށްފައި އޮތް ކާރެއްގައި، ގުފްރާން ދުއްވި ކާރު ޖެހިގެންނެވެ.
މި މައްސަލައިގެ ތަހުގީގުގައި އޭނާއާ ފުލުހުން ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ، އެކްސިޑެންޓް ވުމުގެ ކުރިން އޭނާ ހުރީ ބަންގުރާ ބޮއެގެން ކަމަށެވެ. އަދި އޭނާ ދުއްވި ކާރުން ފެނުނު ބިޔަރު ދަޅު ތަކަކީ އޭނާ ބުއިމަށް ގެންގުޅުނު ތަކެތި ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން ދައުލަތުން އޭނާގެ މައްޗަށް ކުރީ، ބަނގުރާ ބުއިމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާގައި، ހުޅުމާލެ ފޭސް ދޭއްގެ އިމާން މިސްކިތް ކައިރީގައި ޕާކްކޮށްފައި އޮތް ކާރެއްގައި ގުފްރާން ހާލިދު ދުއްވަންއިން ކާރުން ޖެހި އެކްސިޑެންޓްވި މައްސަލައިގެ ތަހުގީގުގައި، ފުލުހުން އޭނާއާ ސުވާލު ކުރުމުން، އެކްސިޑެންޓް ވުމުގެ ކުރިން އޭނާ ހުރީ ބަންގުރާ ބޮއެގެން ކަމަށް ބުނެ، ބަނގުރާ ބުއިކަމަށް ގުފްރާން އިއުތިރާފް ވެފައިވާތީ، ބަނގުރާ ބުއިމުގެ ކުށުން ގުފްރާން ހާލިދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށް ކޯޓުުން ހުކުމް ކުރިއެވެ.
މީގެ އިތުރުން މި ކުށުގެ އުގޫބާތެއްގެ ގޮތުން، ނުވަ ދުވަހަށް ގުފްރާން ހާލިދު ޖަލަށް ލުމަށާއި 40 އެތިފަހަރުން ޖަލްދު ކުރުމަށާއި 3،600 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ހުކުމް ކުރިއެވެ. އަދި 30 ދުވަހުގެ ތެރޭގައި، ޖޫރިމަނާ ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވެސް އެންގިއެވެ.
ނަމަވެސް އޭނާގެ މައްޗަށް، ހުކުމް ކުރުމުގެ ކުރިން، އޭނާ ބަންދުގައި ހުރި މުއްދަތު ކެނޑުމުން އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބު، ތަންފީޒުކޮށް ނިމިފައިވާ ކަމަށް ވެސް ކުރިމިނަލް ކޯޓުން ކަނޑައަޅައިފައެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
އުރީދޫ މޯލްޑިވްސް
ކޮމެންޓް