ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މަހު ހަތަރު ވަނަ ދުވަހު ފުލުހުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ދުވާފަރުގައި ހިންގި އޮޕަރޭޝަނަކީ ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ހިންގި މި އޮޕަރޭޝަންގައި ދުވާފަރު ގެއެއް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 65 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު / ކަބީލާއާގެ، ހާޖަރާ މާއިސާ އާލީ (26އ) އާއި ރ. ދުވާފަރު / ދަފްތަރު ނަންބަރު 0235، އަބްދުﷲ އަލީ (33އ) އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހާޖަރާ މާއިސާ އަލީ ހަތް ދުވަހަށް އަދި އަބްދުﷲ އަލީ 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.