އީރާނުގެ އިގުތިސާދަށް އަމާޒުކޮށް އެމެރިކާއިން ފެށި ދަތިކުރުމުގެ އާ ފިޔަވަޅުތަކާ ދެކޮޅުކަން ހާމަކޮށް، އީރާނާއެކު އޮންނަ ވިޔަފާރީގެ ގުޅުން ދަމަހައްޓާނެ ކަމަށް ޗައިނާއިން ބުނެފިއެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން މިދިޔަ އޮގަސްޓު މަހުގެ 24 ވަނަ ދުވަހު އިއުލާންކުރި “އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް” ގެ ދަށުން، އީރާނުގެ ޓެކްނޮލޮޖީ، ރަން، އޭވިއޭޝަން އަދި ޝިޕިން ސިނާއަތަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މީގެ އިތުރުން 60 ފަރާތަކަށް ވެސް ފިޔަވަޅު އަޅާފައިވެއެވެ. އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތަކުގެ ބޭނުމަކީ އީރާނުގެ އިގުތިސާދީ ހުރިހާ މަގުތަކެއް ބަންދުކުރުމެވެ.

މިކަމާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވީ، އެމެރިކާގެ ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ފިޔަވަޅުތަކެއް ކަމަށާއި، ޗައިނާގެ މަސްލަހަތު ހިމާޔަތްކުރުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. ކޭޕްލާ ފަދަ ތަފާސްހިސާބު ނެރޭ ކުންފުނިތަކުން ހާމަކޮށްފައިވާ ގޮތުގައި، އީރާނުން އެކްސްޕޯޓުކުރާ ތެލުގެ 80 އިންސައްތައަށް ވުރެ ގިނައިން ގަންނަނީ ޗައިނާއިންނެވެ.

އެމެރިކާގެ ފިޔަވަޅުތަކަށް ރައްދުދެމުން އީރާނުގެ އިކޮނޮމީ މިނިސްޓަރު އަލީ މަދަނީޒާދޭ ވިދާޅުވި ގޮތުގައި، އީރާނުން މިހާރު އޮތީ ހަމައެކަނި ދިފާއީ ހާލަތެއްގައި ނޫން ކަމަށާއި، ދުޝްމަނުން ހަމަލާއަކަށް އިންތިޒާރުކުރަން ޖެހޭނެ ކަމަށެވެ.

ވޮޝިންޓަން ޕޯސްޓް ފަދަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ޗައިނާއިން އެމެރިކާއަށް އެކްސްޕޯޓުކުރާ “ރެއާ އާތް” މައުދަންތައް މަދުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިއީ ރަސްމީކޮށް ކަށަވަރުވެފައިވާ ކަމެއް ނޫނެވެ. އަދި އަންނަ ސެޕްޓެންބަރު މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އެމެރިކާއިން ޗައިނާގެ ބޮޑެތި ބޭންކުތަކަށް ފިޔަވަޅު އެޅުމުން ދުރުހެލިވެފައިވަނީ މި ބައްދަލުވުމަށް ހުރަސްއެޅިދާނެތީ ކަމަށް ބައެއް މާހިރުން ލަފާކުރާ ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެއެވެ.