އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ފޭސް އިން ރާއްޖޭގެ ޒުވާން ޓީމުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

ރާއްޖޭގައި މިއަހަރު ބޭއްވި 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ އާއި ލަންކާއިން ބައްދަލުކުރިއެވެ. ރާއްޖެއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ލަންކާއިން ވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެ، ރާއްޖެ މާޔޫސްކޮށްލައިފައެވެ. އެ މެޗުން ބަލިވުމާއެކު އިތުރަށް ކުރިއަށްދިއުމަށް ރާއްޖެއަށް އުނދަގޫތަކެއް ކުރިމަތިވެ، ނިންމާލަން ޖެހުނީ ގްރޫޕު ސްޓޭޖާ ހިސާބުންނެވެ.

މިޔަންމާގެ ތުވުނާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގެ "ގްރޫޕު ކޭ" ގެ މެޗުގައި ލަންކާގެ މައްޗަށް ރާއްޖެއިން ކުރި ހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ރާއްޖެއަށް ވަނީ ކޮލިފައިން ފޭސް އިން ޖާގައެއް ކަށަވަރުވެފައެވެ. އަދި ލަންކާގެ އުންމީދުތަކަށް ވަނީ ނިމުމެއް އައިސްފައެވެ.

މި މެޗަށް ނުކުތް އިރު، ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ރާއްޖެއިން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ބްރުނާއީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ލަންކާގެ ފުރަތަމަ ފުރަތަމަ މެޗުގައި 4-0 ގެ ނަތީޖާއަކުން މިޔަންމާ އަތުން ވަނީ ބަލިވެފައެވެ. އެހެންކަމުން ކުރިއަށްދިއުމަށް ލަންކާއަށް އޮތީ ރާއްޖެ އަތުން މޮޅެއް ހޯދުމަށް މުހިންމުވެފައެވެ.

މިމެޗުގެ ކުރީކޮޅުގައި ރާއްޖޭގެ އެޓޭކް ފެނުނީ ނުރައްކާކޮށެވެ. އެގޮތުން ރާއްޖޭގެ ނައްސާހް އިބްރާހިމް ނާސިރާއި އަހްޒަމް ރަޝީދު (އަހު) އަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ނައްސާހް ފޮނުވާލި ހަމަލާ، ލަންކާގެ ކީޕަރު ޝާތިން މަތަކުރި އިރު، އަހްޒަމް ފޮނުވާލި ހަމަލާ ދިޔައީ ލަންކާ ގޯލުގެ ހުރަސްދަނޑިމަތިން ބޭރަށެވެ.

އޭގެ ފަހުން ވެސް ރާއްޖެއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އިރު، ލަންކާގެ ކީޕަރު ޝާތިންގެ ސޭވްތައް ފާހަގަކޮށްލެވިގެންދިޔައެވެ. ކީޕަރު ޝާތިން ވަނީ ރާއްޖޭގެ ނައްސާހް އަދި ކެޕްޓަން މުހައްމަދު އިލާން އިމްރާން ފޮނުވާލި ހަމަލާއެއް ވެސް މަތަކޮށްފައެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ލަންކާއިން އެޓޭކު ވަރުގަދަކުރުމަށް މަސައްކަތްކުރިއެވެ. އެގޮތުން ކޯނަރުތަކުން ލަންކާއިން ނުރައްކާކޮށްފައިވާ އިރު، އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ލަންކާގެ އަބްދުﷲ އަށެވެ. އޭނާ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ނަމަވެސް، ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ރާއްޖެއިން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ނައްސާހް ފޮނުވާލި ހަމަލާއެއް ލަންކާ ކީޕަރު ޝާތިން މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން އިލާން އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ ރާއްޖޭގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ރާއްޖޭގެ އަހްޒަމް ފޮނުވާލި ހިލޭ ޖެހުން ލަންކާގެ ކީޕަރު ޝާތިން ވަނީ މަތަކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން އިލާން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރާއްޖޭގެ ނައްސާހްް ނުރައްކާކުރުމުގެ ކުރިން ލަންކާގެ ކީޕަރު ޝާތިން ވަނީ ކުރިއަށް ނުކުމެ ބޯޅަ ހޯދައިފައެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ލަންކާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ރާއްޖޭގެ ޑިފެންސަށް ހެދުނު ގޯހަކުން ލިބުނު ބޯޅައަކުން، ޕެނަލްޓީ އޭރިއާ ބޭރުން ހިޖާޒީ ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ޒަހުރާން ހަސަން ޒިޔާދު ވަނީ މަތަކޮށްފައެވެ. އަދި އޭގެ މިނެޓެއް ފަހުން ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ލަންކާގެ ހަލިކް އަހުމަދު ބޮލުން ފޮނުވާލި ހަމަލާ ވެސް ރާއްޖޭގެ ކީޕަރު ޒަހުރާން ވަނީ މަތަކޮށްފައެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ރާއްޖެއިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކުރިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ބޯޅަ، ލަންކާ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ޝަމްހާންއެވެ. އެ ބޯޅަ ލަންކާގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ކީޕަރު ޝާތިންގެ އަތުގައި ޖެހިފައެވެ.

ލަންކާއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 63 ވަނަ މިނެޓުގައި އެޓީމުގެ މުހައްމަދު ފާރިގްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ކާޑު ދައްކާފައިވަނީ ރާއްޖޭގެ މުހައްމަދު ނައިސަމްއަށް ކުރި ފައުލަކާ ގުޅިގެންނެވެ. އެއާއެކު ލަންކާއިން މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. އަހްޒަމް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޯށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ނައްސާހްއެވެ.

އޭގެ މިނެޓެއް ފަހުން ކައުންޓާ އެޓޭކެއްގައި ރާއްޖެއިން ވަނީ ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ބޯޅަ ހިފައިގެން ކުރިއަށް ގޮސް، ކެޕްޓަން އިލާން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ލަންކާގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ނައްސާހްއެވެ.

ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭނީ އަމިއްލަ ގައުމުގައި ކުޅެމުންދާ މިޔަންމާއާ ދެކޮޅަށް އަންނަ އާދީއްތަ ދުވަހުއެވެ. ރާއްޖެ އަދި މިޔަންމާއަށް ވެސް ހަ ޕޮއިންޓު ލިބިފައިވާ އިރު، މިޔަންމާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. މި ދެ ޓީމަށް ވެސް ވަނީ ކޮލިފައިން ފޭސް އިން ޖާގަ ލިބިފައެވެ.