ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދިޔަ ކުއްޖާ ނިޔާވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން ނުވަ އަހަރުގެ ކުއްޖާ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއް، ހިތިގަސްމަގު، ވިނަރެސް 7 ކައިރިން ހޮނިހިރު ދުވަހުގެ ރޭ 9:04 އެހައިކަންހާއިރެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން ބެލިބެލުމުން އެނގޭ ގޮތުގައި، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.

ފުލުހުން ބުނެފައިވަނީ އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށާއި އަދި މި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، ނުވަ އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށެވެ. ސައިކަލު ދުއްވާފައި ވަނީ އެ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އެ ކުއްޖާގެ ބޯ ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާވެފައިވެއެވެ. އެ ކުއްޖާއަށް ފުރަތަމަ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، ފަހުން އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔައީ ވެންޓިލޭޓަރުގައެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. އެގޮތުން ތަހުގީގަށް ހެކި ނެގުމަށް ދެ ކާރެއް ޓޯ ވެސް ކުރިއެވެ.