ސްރީ ލަންކާގެ ނިގަމްބޯ ހައިކޯޓުން ދިވެއްސެއް ކަމަށްވާ ޔުގީތު އިބްރާހީމް މެރުމަށް ކޮށްފައިވާ ހުކުމް، އެ ގައުމުގެ އިސްތިއުނާފު ކޯޓުން ބާތިލުކޮށް އޭނާ މިނިވަންކުރުމަށް ނިންމައިފިއެވެ.
ޔުގީތު އިބްރާހިމް ވަނީ ލަންކާގެ ޖަލުގައި އަށް އަހަރު ހޭދަކޮށްފައެވެ.
މި މައްސަލައަކީ 2018 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ބަންޑާރަނަޔަކެ އިންޓަނޭޝަނަލް އެއާޕޯޓުން، ޔުގީތުގެ ފޮށީގެ ތެރޭގައި ކާބަން ކަރުދާހުން ބަންދުކޮށްފައިވާ 12 ޕެކެޓެއްގައި 1.296 ކިލޯގްރާމްގެ ހެރޮއިން ހުރި ކަމަށް ބުނެ ޕޮލިސް ނާކޮޓިކްސް ބިއުރޯއިން އޭނާ ހައްޔަރުކުރި މައްސަލައެކެވެ.
މި މައްސަލައިގައި ދައުލަތުން އުފުލި ދައުވާތަކުގެ ތެރެއިން މަސްތުވާތަކެތި ވިޔަފާރިކުރުމާއި އެތެރެކުރުމުގެ ކުށުން އޭނާ ބަރީއަވި ނަމަވެސް، ތަކެތި ގެންގުޅުނު ކަމަށް ނިންމައި ނިގަމްބޯ ހައިކޯޓުން އޭރު ހުކުމްކުރީ އޭނާ މެރުމަށެވެ. ނަމަވެސް، މި ނިންމުން އިސްތިއުނާފު ކުރުމުން އިސްތިއުނާފު ކޯޓުގެ ފަނޑިޔާރު އަމާލް ރަނަރާޖާ އަދި ފަނޑިޔާރު ޑރ. ސުމުދު ޕްރޭމަޗަންދްރާގެ ބެންޗުން މައްސަލަ ބެއްލެވުމަށްފަހު ވަނީ، ދަށު ކޯޓުގެ ނިންމުމުގައި ގާނޫނީ އަދި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ތުހުމަތުކުރެވޭ މީހާ ދެނެގަތުމަށް ފުލުހުން ބޭނުންކުރި ވަޓްސްއެޕް މެސެޖު ޝަރީއަތަށް ހުށަހަޅާފައި ނުވާތީ އައިޑެންޓިޓީއާމެދު ސުވާލު އުފެދުމާއި، ފުލުހުން އަތުލައިގަތް ތަކެއްޗާއި ސަރުކާރުގެ އެނަލިސްޓަށް ލިބުނު ބަރުދަނާ ދެމެދު 17.44 ގްރާމްގެ ތަފާތެއް ހުރިކަން ކޯޓުން ފާހަގަކުރިއެވެ.
މީގެއިތުރުން، ހެކީގެ ރައްކާތެރިކަން ގެއްލިފައިވުމާއި، ހެކިންގެ ބަޔާންތަކުގައި ފުށުއެރުންތައް ހުރުމުގެ އިތުރުން ފުލުހުންގެ ލިޔުންތަކުގައި ނެތް މާއްދާއެއް އެނަލިސްޓަށް ފޮނުވި ތަކެތީގެ ތެރެއިން ފެނިފައިވާކަންވެސް ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި އޭނާ ހައްޔަރުކުރި ވަގުތު ތަކެތި ސީލްކޮށް ބަރުދަން ކިރާފައި ނުވުމާއި، ބަޔާން ނެގުމުގައި ބޮޑެތި ލަސްތަކެއް ވެފައިވާކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ކުށުގެ ނިޔަތް ޔުގީތުގެ މައްޗަށް ސާބިތުކޮށްދިނުމުގައި ދައުލަތް ނުކުޅެދިފައިވާ ކަމަށާއި، އޭނާ ބަންދުގައި އަށް އަހަރު ހޭދަކޮށްފައިވުމާއެކު މުހިންމު ހެކިތައް ނެތުމުން އަލުން ޝަރީއަތް ހިންގުމަކީ އިންސާފަކަށް ނުވާނެކަމަށް ކަނޑައަޅައި، އިސްތިއުނާފު ކޯޓުން ވަނީ ނިގަމްބޯ ހައިކޯޓުގެ މަރުގެ ހުކުމް ބާތިލުކޮށް، އޭނާ ވަގުތުން ދޫކޮށްލުމަށް ވަނީ ނިންމާފައެވެ.
މުހައްމަދު އިޝާން
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ކޮމެންޓް