ރާއްޖޭގެ ވަޒީފާ ބާޒާރުގައި ދިވެހިންނަށް ވަޒީފާ ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، އެކަންކަން ސަރުކާރުން ހައްލުކޮށްދޭންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ރޭ ގެނެސްދިން "ދަ ޕަލްސް" ޝޯގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންޖީނިއަރިން ދާއިރާއަށް ޒުވާނުން ޝައުގުވެރި ނުވަނީ އެ ދާއިރާއިން ވަޒީފާ ލިބުމަށް އުނދަގޫތަކެއް ހުރުމުންކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް ވިޔަފާރީގެ ދާއިރާއިންނާއި، ގާނޫނީ ދާއިރާއިން ކިޔަވާފައިވާ ތިބޭ ދަރިވަރުންނަށް ފަސޭހައިން ވަޒީފާ ލިބޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނުގެ އަމާޒަކީ ސިއްހީ ދާއިރާ ހިމެނޭހެން ވަޒީފާގެ ބާޒާރުގައި ދިވެހިން ގިނަކުރަން ކަމަށެވެ.

"މިހާރު މިވާ ގޮތަކީ މި ބައިގައި ބޭރު (ބިދޭސީން) ގިނައީ. ދިވެހިން ވަރަށް މަދު. އެއީ ޖޮބް އޮޕްޗޮނުޓީސް ނެތީ. ނޫނިއްޔާ ޖޮބްތަކުގެ ހުރި ހުރަސްތައް ގިނައީ. ސޯ އެބަހުރި ރިއަލް އިޝޫސްތަކެއް ސަރުކާރުން ހައްލުކޮށްދޭން މަސައްކަތް ކުރަންޖެހޭ. އަޅުގަނޑު އެކަމަށް މަސައްކަތް ކުރާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މިހާރުވެސް ދަނީ ބައެއް ދާއިރާތައް ދިވެހިންނަށް ހާއްސަކޮށް، އެ ދާއިރާއިން މީހުން ތަމްރީނު ކުރަން ފަށާފައި ކަމަށެވެ. އަދި ސައިންސް އެންޑް މެތަމެޓިކްސް ދާއިރާއަށް ލޯންތައް ހާއްސަކުރަން ނިންމާފައިވާ ކަމަށާއި، އޭގެ އިތުރުން ސަރުކާރާއި އަމިއްލަ ދާއިރާތަކުން ވަޒީފާ އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދަރިވަރުން ސައިންސް ފިލްޑް އިހުތިޔާރު ކުރުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. އިންޖީނިއަރިން ދާއިރާ ކުރިއެރުވުން ވަރަށް މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.