ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރު، އިންޑިއާގެ ކުންފުންޏަކަށް ވިއްކާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގުކުރައްވައިފިއެވެ.

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު އެހެން ވިދާޅުވެފައި މިވަނީ، އިންޑިއާގެ ކުންފުންޏަކަށް ތިލަފުށީ ޕޯޓު ވިއްކާލާފައިވާ ކަމަށް ޕީއެންއެފުން މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ކުންފުންޏަކަށް ތިލަފުށީ ޕޯޓު ވިއްކާލުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ވިއްކާލުން ފަދަ، ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ޕޯޓު މެދުވެރިކޮށް އިންޑިއާއިން ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ވެސް އެތެރެވާނެ ކަމަށެވެ.

އެކަމުގެ ސަބަބުން ދިވެހީންގެ ބަދަލުގައި ތިލަފުށީ ޕޯޓުން ވަޒީފާތައް ލިބިގެންދާނީ އިންޑިއާގެ މީހުންނަށް ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ ސަރުކާރެއްގައި އިންޑިއާގެ ކުންފުންޏަކަށް ޕޯޓު ވިއްކާލާފައިވާ ނަމަ، އެތަން އަތުލާނެ ކަމަށެވެ. އަދި އެކަމުގައި ޖިނާއީ ތަހުގީގެއް ވެސް ހިންގަވާނެ ކަމަށް ރައީސް ޔާމީން އިންޒާރުދެއްވިއެވެ.

އެ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދައުރު ފަށައި، ފުރިހަމަކޮށް ނިންމާނެ އެންމެ ބިޔަ އަދި ދިވެހީންނަށް އެންމެ މަންފާހުރި މަޝްރޫއަށް ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ވާނެ ކަމަށާއި މި ބޮޑު ހަގީގަތް ދެކެން ނުކުޅެދި، ތިލަފުށީ ބަނދަރާ މެދު ދޮގު ނުފެތުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

"ތިލަފުށީގައި ގާއިމުކުރާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ރަައްޔިތުންގެ %100 މިލްކެއް. ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ރައީސް ޑރ. މުއިއްޒު ބިނާކޮށްދެއްވާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮތް، މި ގައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައި. އެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން،" މިނިސްޓަރު ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މާލޭގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ވަސީލަތްތަކާއެކު ތަރައްގީކުރެވޭ މި ބަނދަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު އިގުތިސާދީ ވައުދުފުޅެކެވެ.

މި ބަނދަރު ތަރައްގީވެގެންދާނީ ވިޔަފާރިވެރިންނާއި އެމްޕީއެލްގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ހިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށް ކަމަށް އެމްޕީއެލުން ބުނެއެވެ. އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވުމަށް އަމާޒު ހިފާފައިވާ މި ބަނދަރަކީ، ޒަމާނީ ވަސީލަތްތަކާއެކު "ސްޓޭޓް އޮފް ދި އާޓް" މާސްޓާ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރެވޭ ތަނެކެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމެއްގައި ރައީސް މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ބަނދަރުގެ 80 ޕަސަންޓް އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރާނެއެވެ.