ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ވިއްކަމުންދިޔަ 571 ޓެލެގްރާމް ޗެނަލް ހިންގައި އެއިން ވިޔަފާރިކޮށްގެން ދައުވާކުރި ތިން މީހުންނަށް ހުކުމް ކޮށްފިއެވެ.

ޓެލެގްރާމުގައި ގިނަ އަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންދިޔަ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އދ. މަހިބަދޫ/ ބަހާރުގެ، ޒުބައިރު އަލީ (45އ) އާއި ކ. މާލެ/ދަފްތަރު ނަންބަރު ރސ14751 ނާސިފް އަލީ (46އ) އަދި ކ. ކާށިދޫ/ސިލިންކޯ، އިސްމާއީލް ރަބީހް (29އ)އެވެ. ޒުބައިރާއި ނާސިފް ހައްޔަރުކުރީ، 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހާއި، 20 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ހިމެނޭ ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 ފޮޓޯ އާއި 86،618 ވީޑިއޯ ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދީންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭ ކަމަށެވެ.

އެ ތިން މީހުން ހައްޔަރުކޮށް މައްސަލަޔާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކުރި ކަމަށާއި އަދި އެ ތިން މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް ނުވަ އެކައުންޓު ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސް ބަންދު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ތިން މީހުންގެ ތެރެއިން ޒުބައިރު އަލީގެ މައްޗަށް ކުރީ، އޮރިޔާން ކާޑު ގެންގުޅުމުގެ ދެ ދައުވާ އާއި އޮރިޔާން ކާޑު އާންމުކުރުމުގެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެވެ. ޒަބީހާއި ނާސިފްގެ މައްޗަށް ކުރީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

އެ ދައުވާތަކަށް ޝަރީއަތުގައި އެއްބަސްވެ އިއުތިރާފުގެ އެއްބަސްވުންތައް ވަނީ ހަދައިފައެވެ.

އެހެންކަމުން އިއުތިރާފުގެ އެއްބަސްްވުމުގައި ވާގޮތުގެމަތީން ކުރިމިނަލް ކޯޓުން ޒުބެއިރު އަލީގެ މައްޗަށް ހުކުމްކުރީ އޮރިޔާން ކާޑު ގެންގުޅުމުގެ އެއް ދައުވާއަށް 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ. އަނެއް ދައުވާއަށް ނުވަ ދުވަހަށް ޖަލަށް ލުމަށް އަދި އޮރިޔާންކާޑު އާއްމު ކުރުމުގެ ދައުުވާއަށް އެއް އަހަރާއި ހަމަހަށް ޖަލަށްލުމަށް، އަދި މަނީ ލޯންޑާ ކުރުމުގެ ދައުވާއަށް ދެ އަހަރާއި ހަމަހަށް ޖަލަށް ލުމާއެކު ހަ ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށެވެ.

މަނީ ލޯންޑަރިން ކުށުން ނާސިފް ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި އިއުތިރާފުގެ އެއްބަސްވުމުގައިވާގޮތުގެމަތީން ދެ އަހަރާއި ހަ މަހުގެ މުއްދަތަށް އޭނާ ޖަލަށް ލުމާއެކު 263،232 އިން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި މަނީލޯންޑަރިންގެ ކުށުން ޒަބީހުވެސް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އިއުތިރާފުގެ އެއްބަސްވުމުގައިވާގޮތުގެމަތީން، ދެ އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ޖަަލަށް ލުމާއެކު އެއްްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 12 މަސްދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.