ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން މިރޭ ބުނީ ފޭސް ދޭއްގެ ވިނަރެސް ހަތެއް ކައިރީ ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ކަމަށާއި އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި އެ ކުއްޖާގެ ބޯ ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާވެފައިވެއެވެ. އަދި އެ ކުއްޖާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެ ކުއްޖާ އޮތީ ހަބަރު ހުސްވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

"ވަރަށް ގިނަ ލޭ ފައިބާފައި ހުރި އެ ކުއްޖާގެ ބޮލުން. ބައެއް މީހުން ބުނި ކާރު ދިޔައީ އެ ކުއްޖާގެ ބޯމަތިންނޭވެސް" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށްވެސް އެކިވަރުގެ އަނިޔާތައް ވެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.