އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންމިދާ މިއަހަރުގެ ތިންވަނަ ދައުރު ދަންމާލަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުން މަޖިލީހުގެ ތިވަނަ ދައުރު ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ނަަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި މަޖިލީހުން ނިންމަންޖެހޭ މުހިއްމު މަސައްކަތްތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ މިހިނގާ ތިންވަނަ ދައުރު އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލަން މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ހުރުމުން، މަޖިލީހުގެ މި އަހަރުގެ ފުރަމަ ދައުރާއި ދެވަނަ ދައުރު ވެސް ކުރިއަށް ގެންދިޔައީ މުއްދަތު އިތުރުކޮށްގެންނެވެ.

އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ނިންމައި މެއި 16 އިން ފެށިގެން މަޖިލިސް ޗުއްޓީއަށް ދާން ޖެހޭނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނެފައިވީ ނަމަވެސް، ފުރަތަމަ ދައުރުގެ މުއްދަތު ހަމަވި އިރު، ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން މެއި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ދައުރު ދަންމާލައިގެން، އެ ދައުރުގައި 10 ބިލެއްގެ މަސައްކަތް ނިންމިއެވެ.

އެކަމުގެ ސަބަބުން މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށައި، ފުރަތަމަ ދައުރުގެ ޗުއްޓީއަށް ނުގޮސް ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެވަނަ ދައުރު ފަށައި، ދެވަނަ ދައުރުވެސް ދަންމާލައި ދެވަނަ ދައުރުގެ ޗުއްޓީއަށް ދިޔައީ މިދިޔަ އޮގަސްޓް މަހުގެ 26 އިން ފެށިގެންނެވެ.