ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި ކްރިކެޓް ކެޕްޓަންގެ ބަލި ހާލަތާ ގުޅިގެން އޭނާގެ ދެ ދަރިން ކަމަށްވާ ސުލެއިމާން ހާން އާއި ކާސިމް ހާންގެ އިންޓަވިއުއެއް ސްކައި ސްޕޯޓްސްއިން ދެއްކުމުން އެކަމާ ޕާކިސްތާން ކްރިކެޓް ބޯޑް (ޕީސީބީ)އިން ނުރުހުން ވެއްޖެއެވެ.

އިމްރާން ހާނަކީ ޕާކިސްތާން ދުށް އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާއެވެ. 1971 ވަނަ އަހަރުން 1992 ވަނަ އަހަރާ ހަމައަށް އެގައުމަށް 88 ޓެސްޓް މެޗު ކުޅުނު އިމްރާން ހާން ވަނީ އޯޑީއައި 175 މެޗު ކުޅެފައެވެ. އޯލް ރައުންޑާ ވަނީ އެގައުމާއެކު 1992 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕްވެސް ހޯދައިފައެވެ.

ކްރިކެޓްގެ ކެރިއަށްފަހު ސިޔާސީ މައިދާނުގައި މަސައްކަތް ފެއްޓެވި އިމްރާން ހާން މިވަގުތު ޖަލަށް ލާފައި ހުރީ ކޮރަޕްޝަނުގެ މައްސަލައެއްގައެވެ. 2023 ވަނަ އަހަރު އޭނާ 14 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ އިރު، އޭނާއަށް ރަނގަޅު ސިއްހީ ފަރުވާއަށް ސަރުކާރުން އިންކާރު ކުރާ ކަމަށް ނޫސްތައް ވަނީ ބުނެފައެވެ. އެކަމުގައި އިންސާނީ ކަރާމާތް އިސްކުރުމަށް ކުރީގެ ބައެއް ކްރިކެޓް ކެޕްޓަނުންވެސް ޕާކިސްތާނަށް ގޮވާލާފައިވެއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިމްރާން ހާންގެ ސިއްހީ ހާލަތު ގޯސްވެ، ކަނާތު ލޮލުގެ ފެނުމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް އޭނާގެ އާއިލާއާއި ވަކީލުން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ވަގުތުން ފަރުވާދޭން ޖެހޭ ފަދަ ސިއްހީ މައްސަލައެއް ނެތް ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

އެ ހާލަތަށް ދިޔުމުން ސުޕްރީމް ކޯޓުން ދާދިފަހުން އަމުރުކުރީ އިމްރާން ހާން ހޮސްޕިޓަލަށް ބަދަލުކުރުމަށާއި، އޭނާގެ އަމިއްލަ ޑޮކްޓަރު ހިމެނޭ ގޮތަށް މެޑިކަލް ޕެނަލެއް އެކުލަވައިލުމަށެވެ.

ބައްޕަގެ ސިއްހީ ފަރުވާއާ ގުޅިގެން ދެ ދަރިން ކަމަށްވާ ސުލެއިމާނާއި ކާސިމް ދިން އިންޓަވިއު ސްކައި ސްޕޯޓްސްއިން ދައްކާފައި ވަނީ ޕާކިސްތާނުން އިންގްލެންޑާ ދެކޮޅަށް އެގައުމުގައި ކުޅެމުންދާ ޓެސްޓް ސީރީސްގެ ފުރަތަމަ މެޗުގެ ލަންޗް ބްރޭކްގައެވެ. އެ އިންޓަވިއު ނަގާފައި ވަނީ މިހާރު ކްރިކެޓް ކޮމެންޓްރީ ދީ، ކްރިކެޓް ނޫސްވެރިޔަކަށް މަސައްކަތް ކުރާ އިންގްލެންޑްގެ ކުރީގެ ކެޕްޓަން މިޝޭލް އަތާޓޮންއަށެވެ.

އެ އިންޓަވިއު ދެއްކުމާއެކު ޕީސީބީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަށާރަ މިނެޓުގެ އިންޓަވިއުގައި އިނގިރޭސިވިލާތުގައި ދިރިއުޅޭ އިމްރާން ހާންގެ ދަރިން ވަނީ ބައްޕަގެ ސިއްހީ ހާލަތާއި، އެކަމުގައި ސަރުކާރުން އަމަލުކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ދެ ދަރިންނަށް ބައްޕަ އިމްރާން ހާން ގާތަށް ދާން ޕާކިސްތާނުން ވިސާ ނުދޭ ކަމަށާއި، އެކަމަށް ތަކުރާރުކޮށް އިންކާރު ކޮށްފައިވާ ކަމަށްވެސް އިންޓަވިއުގައި ބުނެފައިވެއެވެ.

ހަބަރުތައް ބުނެފައި ވަނީ އިންޓަވިއުގެ ކުރިން ޕީސީބީން އެ ނުދައްކަން ސްކައިގައި އެދުނު ކަމަށެވެ. އަދި އެ އިންޓަވިއު ދައްކައިފިނަމަ، ލަންޗް ބްރޭކަށްފަހު ޓީމު އަލުން ކުޅެން ނުނުކުންނާނެ ކަމަށްވެސް ބުނެފައިވާ ކަމަށް ނޫސްތައް ބުނެއެވެ. އިތުރަށް ނޫސްތަކުން ބުނީ އެކަމުގައި ޕީސީބީން އިނގިރޭސި ސަރުކާރަށްވެސް ޝަކުވާ ކޮށްފައިވާ ކަމަށާއި، ބާކީ އޮތް ޓެސްޓް ދެމެޗު ކެންސަލް ކުރަން އިންޒާރުވެސް ދީފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އަދި އަނބިކަނބަލުން ބުޝްރާ ބީބީ --

އެ އިންޓަވިއު ސްކައި ސްޕޯޓްސްއިން ދެއްކި ނަމަވެސް، ޕާކިސްތާނަށް މެޗު ދައްކާ ޕީޓީވީން އެ އިންޓަވިއު ދައްކާފައެއް ނުވެއެވެ.

މެޗަށްފަހު ޕާކިސްތާނުގެ ކޯޗު، ސަރްފަރާޒް އަހުމަދު ބުނީ، އިންޓަވިއުގެ އެއްވެސް މައުލޫމާތެއް ޓީމެއް އެނގިފައި ނުވާ ކަމަށާއި، ޓީމުން ވަކި ގޮތަކަށް އަމަލުކުރަން އެއްވެސް ފަރާތަކަށް އަންގާފައި ނުވާ ކަމަށެވެ. އަދި މެޗުގެ ބާކީ ބަޔަށް ނުނުކުންނަން އެއްވެސް ވިސްނުމެއް ގެންގުޅެފައިނުވާ ކަމަށް ކޯޗު ބުންޏެވެ.

ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ޗެއާމަން ސައީދު މޮހްސިން ރަޒާ ނަގްވީއަކީ އެގައުމުގެ ފެޑެރަލް އިންޓީރިއާ މިނިސްޓަރެވެ. އޭނާއަކީ އެގައުމުގައި ސިޔާސީ ނުފޫޒުގަދަ ނަމެއް ކަމަށްވެސް ނޫސްތައް ބުނެއެވެ.