އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތްކޮށް، ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނެސް ނިންމަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒްް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، "ބޮޑު ބަދަލު"ގެ ނަމުގައި ހަދާފައިވާ ވަޓްސްއެޕް ގްރޫޕަކުން ހިތްހަމަނުޖެހުންތަކަކާއެކު ފައްޔާޒް ނުކުންނެވި ކަމަށްބުނެ ބައެއް ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ފައްޔާޒް ވިދާޅުވީ "ބޮޑު ބަދަލު"ގެ ނަމުގައި ހަދާފައި އިން ވަޓްސްއެޕް ގްރޫޕަކުން މީގެ ތިން ހަފްތާ ކުރިން ނުކުމެލިން ކަމަށާއި އެއީ ބޮޑު ބަދަލާ ގުޅޭ ރަސްމީ ގްރޫޕެއް ނޫން ކަމަށެވެ.

"މި ފުރުސަތުގައި ބޮޑު ބަދަލު މެނިފެސްޓޯއަށް ތާއިދުކުރައްވާ އަދި އުންމީދުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާއި އާންމު ދިވެހި ރައްޔިތުންނަށް ދަންނަވާލަން. މާތް ﷲގެ އިރާދުފުޅާއެކު އަޅުގަނޑާއި ރައީސް ނަޝީދު އަދި އަޅުގަނޑުމެން ދެ ޓީމުގެ މަސައްކަތް ނިންމާލާނީ މި ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހު،" ފައްޔާޒް ވިދާޅުވިއެވެ.

ނަޝީދާއި ފައްޔާޒް އިސްވެ ހުންނަވައި، ނެރުއްވާ "ބޮޑު ބަދަލު" މެނިފެސްޓޯގައި ބޮޑަށް ފާހަގަކޮށްލެވެނީ ގާނޫނަށް ގެންނަ ބައެއް ބަދަލުތަކެވެ. އެގޮތުން ދައުލަތުގެ ވެރިޔާ އަދި ސަރުކާރުގެ ވެރިއެއް ހުންނަ ގޮތަށް ގެންނަން ހުށަހަޅާފައިވާ ބަދަލު ފާހަގަކޮށްލެވެއެވެ.