އެމެރިކާއިން އީރާނާ ދެކޮޅަށް މިހާރު ފަށައިގެންއުޅޭ އިގްތިސާދީ ހަގުރާމައިން ނަތީޖާއެއް ނެރެވެން އޮތީ އެމެރިކާއަށް ޗައިނާގެ އެއްބާރުލުން ލިބޭ ނުލިބޭ މިންވަރެއްގެ މައްޗަށެވެ. ޗައިނާގެ އެއްބާރުލުމެއްނެތި އެ ހަގުރާމައިން އެމެރިކާއަށް ނަތީޖާއެއް ނުނެރެވޭނެއެވެ. ޗައިނާއަކީ އީރާނުގެ އެންމެބޮޑު ޓްރޭޑް ޕާޓްނަރު ކަމަށްވާތީއެވެ. އެހެންވީމާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ މާލީވަޒީރު ސްކޮޓް ބެސަންޓް އިއުލާނުކުރި އިގްތިސާދީ ހަގުރާމަޔާމެދު ޗައިނާގެ ޚިޔާލު ހުރިނެތްގޮތް ބަލައިލުން މުހިންމެވެ. އީރާނާއެކު މުއާމަލާތު ކުރާ ކޮންމެ ގައުމަކާ ދެކޮޅަށްވެސް ފިޔަވަޅުއަޅާނޭ ކަމަށާއި އެމެރިކާގެ ފިޔަވަޅުތަކުން ރެކިގަނެވޭނެ ހަމައެއްވެސް ގައުމެއް މިއުޑުދަށުގައި ނުވާކަމަށް ބުނެ ސްކޮޓް ބެސަންޓް ކެނޑި ފޮންޏާމެދު ޗައިނާގެ ރައުޔަކީ ކޮބައިތޯ ބަލައިލުން ހަގީގަތުގައިވެސް ވަރަށް މުހިންމެވެ. ޗައިނާގެ ނަޒަރުގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވަނީ މުޅިންވެސް ޣައިރުގާނޫނީ ފިޔަވަޅުތަކެކެވެ.

ވަކި ގައުމަކުން ބޭނުންވީމާ ދުނިޔޭގެ ގާނޫނުތަކާއި ހަމަތަކާއި އުސޫލުތަކަށް ރިއާޔަތް ކުރުމެއްނެތި އަމިއްލަ އަމިއްލަޔަށް އަޅާ ފިޔަވަޅުތަކަކީ ޗައިނާގެ ނަޒަރުގައި މުޅިންވެސް ޣައިރުގާނޫނީ ފިޔަވަޅުތަކެކެވެ. އެމެރިކާއިން އަމިއްލަޔަށް އެޅި މިފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ އެއްވެސް ގާނޫނަކަށް ފެތޭ ފިޔަވަޅުތަކަކަށް ނުވާތީއާއި މިއީ ދުނިޔޭގެ މަޝްވަރާޔާވެސް ނުލައި އަޅާފައިވާ ފިޔަވަޅުތަކެއް ކަމުން ޗައިނާއިން މިފިޔަވަޅުތަކާ މުޅިން ދެކޮޅެވެ. ޗައިނާއިން މި ފިޔަވަޅުތަކަށް ތަބާވުމެއްވެސް ނެތެވެ. ޗައިނާގެ ބަސްއަހާ ބަޔަކު ތިބިއްޔާ އެބަޔަކުވެސް މިފިޔަވަޅުތަކަށް ތަބާވުމެއް ނެތެވެ. ޗައިނާގެ ސިޔާސަތު ދުނިޔެއަށް ސާފުކޮށްދެއްވީ ޗައިނާގެ ޚާރިޖީވުޒާރާގެ ތަރުޖަމާނެވެ. އޭނާ ވިދާޅުވެފައިވަނީ އެމެރިކާއަކީ އދ. ނޫންކަމަށާއި އދ. ގެ ގިއުގަޑުގެ ތެރެއިން ނޫންގޮތަކަށް އެމެރިކާއިން ނިންމާ ނިންމުންތަކަށް ދުނިޔޭގެ އެއްވެސް ބަޔަކު ތަބާވެގެން ނުވާނެ ކަމުގައެވެ. ކޮންމެއަކަސް މިވަރުން އެއޮތީ ޗައިނާގެ ސިޔާސަތު ހާމަވެފައެވެ.

އީރާނާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އީރާނުގެ ޓްރޭޑް ޕާޓްނަރުންނާ ދެކޮޅަށްވެސް ހަރަކާތްތެރިވުމަކީ ޗައިނާއިން ގަބޫލުކުރާ ގޮތުގައި ބައިނަލްއަގުވާމީ ވިޔަފާރިއަށް ހުރަސްއެޅުމެކެވެ. ގައުމުތަކުގެ ދާޚިލީ ކަންކަމާބެހި ގައުމުތަކުގެ އިސްތިގުލާލަށްވެސް އަރައިގަތުމެކެވެ. އީރާނާއި ޗައިނާގެ އިގްތިސާދީ ގުޅުންތަކާއި ހަކަތައިގެ ދާއިރާގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ދުނިޔޭގެ އާއްމު އުސޫލަށް ފެތިގެން ކުރެވޭ މުއާމަލާތަކަށްވާއިރު އެކަމަށް ހުރަސްއަޅައި ގޮތްކިޔައި ދިނުމުގެ އެއްވެސް ހައިސިއްޔަތެއް އެމެރިކާއަށް ލިބިގެންނުވާ ކަމަށްވެސް ޗައިނާއިން ބުނެއެވެ. އެހެންވީމާ ޗައިނާއާއި އީރާނުގެ އިގްތިސާދީ ގުޅުންތަކާއި އެއްބާރުލުމަށް ބުރޫއަރުވައިލަން ކިތަންމެ ވަރަކަށް އެމެރިކާއިން އުޅުނަސް އެކަމެއް ނުވާނެ ކަމަށާއި އެގުޅުންތަކުގެ ތެރެއަށް ވަދެ ގަޑުބަޑުކުރަން އެމެރިކާއަށްވެސް އަދި އެހެންބަޔަކަށްވެސް ފުރުސަތެއް ނުދޭނެ ކަމަށް ޗައިނާއިން ބުނެއެވެ.

ޗައިނާއިން އެބުނަނީ އީރާނުގެ ތެޔޮގަތުން ނުހުއްޓާނޭ ކަމުގައެވެ. އީރާނާއެކު ވިޔަފާރިކުރުން ކުރިއަށް ގެންދާނޭ ކަމުގައެވެ. ޗައިނާއިން ކަންކަން ކުރަންވީގޮތާއި ނުކުރާންވީގޮތް ބުނެދިނުމަކީ އެމެރިކާއިން ކުރަންޖެހޭ ކަމެއް ނޫންކަމުގައެވެ. ޗައިނާއަކީ އެމެރިކާދެކެ ބިރުގަންނަ އަދި އެމެރިކާއަށް ތަބާވާނެ ގައުމެއް ކަމަށް ވޮޝިންޓަނަށް ހީވަންޏާ އެއީ ވަރަށްބޮޑު ކުށްހީއެއް ކަމަށްވެސް ބުނެއެވެ. އީރާނާއެކު ޗައިނާއިން ކުރާ ވިޔަފާރިއާއި ހިންގާ މުއާމަލާތަކީ ޗައިނާގެ މަސްލަހަތާ އެއްގޮތަށް ދުނިޔޭގެ އާއްމު ހަމަތަކަށްވެސް ފެތިގެން ހިންގޭ ސައްހަ މުއާމަލާތަކަށްވާއިރު އެކަމަށް ހުރަސްއެޅުމަކީ ޗައިނާގެ މަސްލަހަތާ ދެކޮޅަށް ހިންގޭ އަމަލެކެވެ. އެ ހާލަތުގައި ޗައިނާގެ މަސްލަހަތު ހިމާޔަތްކުރުމަށްވުރެ އިސް އެހެން ޒިންމާއެއް ޗައިނާގެ ކުރިމައްޗަކު ނޯންނާނެއެވެ. އެމެރިކާގެ މާލީވަޒީރު ސްކޮޓް ބެސަންޓް ދެއްކި ވާހަކަތަކާއި ދިން އިންޒާރުތަކަކީ ޗައިނާގެ މަސްލަހަތު ނަގާލުމުގެ ނިޔަތް އެކުލެވޭ އިންޒާރުތަކެއް ކަމުގައިވާތީ އޭނާއަށްވެސް ޗައިނާއިން ވަނީ އެކަށޭނަ ރައްދެއް ދީފައެވެ.

ޗައިނާއިން ބުނީ ކީކޭބާވައެވެ. ބުންޏެވެ. އެމެރިކާއިން ކުރާ ކޮންމެ ކަމަކާއި އަޅާ ކޮންމެ ފިޔަވަޅަކަށް ޗައިނާގެ ރައްދު އަންނާނޭ ކަމާއި ބަދަލުހިފުން ވަރަށް ހިތިވާނޭކަން ސްކޮޓް ބެސަންޓް ދަންނަންވާނޭ ކަމުގައެވެ. އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމަކީ ޗައިނާކަމަށްވާއިރު އީރާނާއި ޗައިނާގެ ވިޔަފާރިއަކީ ޗައިނާގެ ހަކަތައިގެ ޔަގީންކަން ކަށަވަރުކުރުމާ ގުޅިލާމެހިފައިވާ ވިޔަފާރިއެކެވެ. އެހެންކަމުން ޗައިނާ ސަރުކާރުން ވަނީ އެގައުމުގެ ކުންފުނިތަކަށް ވަރަށް ސާފުބަހުން އިރުޝާދު ދީފައެވެ. ކޮންކަމަކާ ގުޅޭގޮތުން ބާވައެވެ. އީރާނުގެ ވިޔަފާރިއާބެހޭ އިރުޝާދުތަކެވެ. އެމެރިކާގެ އިންޒާރުތަކާ ގުޅޭ އިރުޝާދުތަކެވެ. ޗައިނާއިން އެގައުމުގެ ކުންފުނިތަކާއި ބޭންކުތަކާއި އެނޫންވެސް މުވައްސަސާތަކަށް އަންގާފައިވަނީ އެމެރިކާގެ އިންޒާރުތަކަށް ނުސިހުމަށެވެ. ދެނެތިބިކަމަށްވެސް ނުހަދައި އީރާނާއެކު ވިޔަފާރީގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނޭޅުމަށެވެ.

ޗައިނާގެ ނިޔަތަކީ ނުވަތަ މަގުސަދަކީ އެމެރިކާއާ ކުރިމަތިލުމެއް ނޫނެވެ. ހަގުރާމަކުރުމެއްވެސް ނޫނެވެ. ޗައިނާއިން ބުނެދިނީ ނުވަތަ ބުނެދެނީ އެމެރިކާއިން ޗައިނާގެ މަސްލަހަތު ނަގާލަން ދިމާކޮށްފިނަމަ ދެންވާނެ ގޮތެވެ. ޗައިނާއިން އަމަލުކުރާނޭ ގޮތެވެ. ޗައިނާއިން ބުނެދިނީ ޗައިނާގެ އިގްތިސާދުގެ ބޮޑުކަމާއި ފުޅާކަމެވެ. އެމެރިކާދެކެ ބިރުން ފަސްޖެހެންވީ ސަބަބެއް ނެތް ކަމެވެ. އީރާނާއި އެމެރިކާގެ ހަގުރާމައަށް އަވަސް ނިމުމެެއްއައިސް ގަލްފަށް ސުލްހަޔާއި އަމާންކަން އައުމަކީ ޗައިނާ އެދޭގޮތެވެ. ސުލްހަ ގެނައުމަށްޓަކައި ޑިޕްލޮމަސީ އިސްކުރުމަކީ ޗައިނާއިން އިލްތިމާސްކުރާ ގޮތެވެ. ޗައިނާއިން އިންވެސްޓްކޮށްފައިވަނީ ހަމައެކަނި އީރާނަކު ނޫނެވެ. ގަލްފުގެ ހުރިހާ ގައުމެއްގައިވެސް ޗައިނާގެ އިންވެސްޓްމަންޓުތައް އެބަހުއްޓެވެ. އެތައް ބިލިޔަން ޑޮލަރެއްގެ އަގުހުރި އިންވެސްޓްމަންޓު ތަކެކެވެ. އެހެންވީމާ ގަލްފުގައި ހަގުރާމަޔާއި ވީރާނާކަން ފެތުރިފައި އޮތުމަށްވުރެ ޗައިނާއަށް މުހިންމު ވާނީ ސުލްހަޔާއި އަމާންކަން ގާއިމުވެފައި އޮތުމެވެ.