އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ގަބޫލުނުކުރާ ކަމަށް ބުނެ ޗައިނާއިން ނެރުނު ބަޔާނަށް، އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް މަރުހަބާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާލިބާފް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ސްޓްރެޓީޖިކް ގުޅުމަށް އެއްވެސް ފަރާތެއްގެ ހުއްދައެއް ބޭނުމެއް ނުވެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ "ގައިރު ގާނޫނީ" ފިޔަވަޅުތަކާ ދެކޮޅަށް ޗައިނާއިން ގެންގުޅޭ އުސޫލުތަކަށް މަރުހަބާ ވިދާޅުވަމުން، ގާލިބާފް ފާހަގަކުރެއްވި ގޮތުގައި އީރާނާއި ޗައިނާގެ ފުރިހަމަ ސްޓްރެޓީޖިކް ގުޅުން ބިނާވެފައިވަނީ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކުރުމާއި ދެފަރާތަށް ވެސް ފައިދާވާނެ ގޮތަށް މަސައްކަތްކުރުމުގެ މައްޗަށެވެ. މިއީ ގިނަ ބާރުތައް އެކުލެވޭ ދުނިޔެއެއް ބިނާކުރުމުގެ ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޗައިނާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނާއެކު އެ ގައުމުން ބާއްވާ ގުޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކުރިއަށްގެންދާ ގުޅުމެއް ކަމަށެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް އިއުލާންކޮށްފައިވާ "އިގުތިސާދީ ޑީ-ޑޭ" އާ ގުޅޭގޮތުން އެ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނެއް ނުވަތަ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރެއް ނެތި އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޗައިނާއިން ކަނޑައެޅިގެން ދެކޮޅުހަދާ ކަމަށެވެ. އަދި އިގުތިސާދީ ހަނގުރާމައާއި އެންމެ މަތީ ދަރަޖައިގެ ފިއްތުންތައް ކުރިމަތިކުރުމަކީ ހައްލެއް ނޫން ކަމަށާއި، އޭގެ ސަބަބުން ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ އިގުތިސާދަށް ބުރޫއަރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން ދާދި ފަހުން ވަނީ އީރާނުގެ އިގުތިސާދަށް އަމާޒުކޮށް އާ ފިޔަވަޅުތަކެއް އިއުލާންކޮށްފައެވެ. ނަމަވެސް، އީރާނުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ ކަމަށްވާ ޗައިނާއިން ވަނީ އެމެރިކާގެ މި ފިޔަވަޅުތަކަށް އަމަލުނުކުރާނެ ކަމަށް ބުނެފައެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް