ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރަކު ރަނގަޅު ބިލެއް މަޖިލީހަށް ހުށަހަޅައިފި ނަމަ، އެ ބިލެއް މަޖިލީހުން ބަލައިގަންނަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަނގަޅު ގޮތްތައް ވިސްނޭނީ ހަމައެކަނި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް އެކަނި ނޫން ކަމަށެވެ.
"ހަމަ އަމިއްލަ މެންބަރަކަށްވެސް ރަނގަޅުކަމެއް ވިސްނިވަޑައިގެން އިސްލާހެއް ހުށަހަޅުއްވަފާނެ ނޫންތޯ. ދެން ހުށަހަޅުއްވާ އިސްލާހަކީ ގައުމަށް ފައިދާހުރި، ގައުމަށް ބޭނުންތެރި އިސްލާހެއް ކަމަށްވަންޏާ ސަރުކާރުން އެއަށް ތާއީދު ކުރުމަކީ ހަމަ ރަނގަޅު ގޮތެއް" ރައީސް ވިދާޅުވިއެވެ.
ރައީސް އެ އިޝާރަތް ކުރައްވަނީ އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލަށެވެ. އެ ބިލަކީ ރައްޔިތުންގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާނު މިމަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ބިލެކެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހު ވަނީ ފާސްކޮށްފައެވެ.
ރައީސް ވިދާޅުވީ އެ ބިލުގައި ހުރި ކަންކަމާ ގުޅޭގޮތުން މީޑިއާގައި އަދި އެ ނޫންވެސް ތަންތަނުގައި ވާހަކަ ދައްކަމުންދާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން އަބަދުވެސް ބަލަނީ މާލޭގައްޔާއި އަދި ރަށްރަށުގައި ވެސް ކައުންސިލްތައް މެދުވެރިކޮށް، އެހީތެރިކަން ހޯދައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ.
"އެކަން މި ފެންނަނީ އަޅުގަނޑުމެންނާ ސިޔާސީ ގޮތުން ހިޔާލުތަފާތު ކައުންސިލްތަކުން ހަމަ އެއްގޮތަކަށްވެސް މީ ޒިންމާދަރު ގޮތަކަށް ނޫން ވަރަށް އަންޕްރެފެޝިނަލްކޮށް ސިޔާސީ ވިސްނުން އިސްކުރާތަން. އެއްގޮތަކަށްވެސް ރައްޔިތުން ކުރިއަކަށް ނުނެރޭ. އެ މީހުންގެ ސިޔާސީ ވިސްނުން ކުރިއަށް ނެރެގެން ކަންކަމަށް ހުރަސް އަޅަނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެގޮތަށް ކައުންސިލްތަކުން އަމަލުކުރުމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ލަސްތަކާއި ހުރަސްތައް ކުރިމަތިވަމުންދާ ކަމަށާއި، އެކަމަށް އަވަސް ހައްލެއް އަންނަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނަކީ ލާމަރުކަޒީ ނިޒާމު ވަރަށް ބޮޑަށް ގަބޫލުކުރައްވައި، އެތައް އަހަރެއް ވަންދެން ތަފާތު އެކި ހައިސިއްޔަތުތަކުން އެ ނިޒާމު ތަންފީޒުކުރަން އަމަލީ ގޮތުން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެ ނިޒާމުގެ ތެރެއިން ކަންކަން ކުރަންޖެހޭ ގޮތާއި، ކުރެވޭނެ އަދި ނުކުރެވޭނެ ކަންކަން އެންމެ ފުރިހަމައަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"އެއްވެސް ގޮތަކަށް ގަބޫލުކުރެވޭ އުޒުރެއް ނެތް މިއިން އެއްވެސް ކައުންސިލަކަށް ދެއްކޭނެ އަޅުގަނޑަކަށް، ސަރުކާރަކަށް ތިމަންނަމެން މިހެންނޭ މިކަން ކުރާނީ. އަޅުގަނޑަށް އެނގޭ ހަމަ އިން އެންޑް އައުޓް ލާމަރުކަޒީ ނިޒާމުން ކުރެވިދާނެ ކަންކަމާ ނުކުރެވިދާނެ ކަންކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކައުންސިލްތަކުން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާތީ އެކަމަށް ބަލަން ސަރުކާރަށް ނުތިބެވޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން މަޑުޖައްސައިނުލައި، އެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެހެން މަގުތައް ހޯދުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް