އެމްއެމްއޭއިން ކަނޑައަޅާ ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަޑައަޅައި ބޮޑެތި އަދަބުތަކަކާއެކު ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި ޕީއެންސީ މެންބަރުން ވޯޓު ދެއްވައިގެންނެވެ. އިދިކޮޅު އެމްޑީޕީ މެންބަރުން ވޯޓުދެެއްވީ މި ބިލާ ދެކޮޅަށެވެ.
މިއީ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރުމަށް "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ގާނޫނުން ދީފައިވާ އިހުތިޔާރު އުވާލައި، ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު މިމަހުގެ 12 ވަނަ ދުވަހު މަޖިލިހަށް ހުށަހެޅި ބިލެކެވެ.
ނަމަވެސް ދެވަނަ ފަހަރަށް އިސްލާހު ކުރުމަށް މި ބިލު މާލިއްޔަތު ކޮމިޓީއަށް ފޮނުވައިލުމުން، ބިލު ދިރާސާކުރިއިރު، އެ ކޮމިޓީން ވަނީ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ.
އެގޮތުން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތަކުން ވެސް ވިއްކާ ނުވަތަ ދޭ މުދަލާއި ހިދުމަތަށް، ފާއިތުވި މީލާދީ އަހަރު ތެރޭގައި މަދުވެގެން 25 މިލިއަން ޑޮލަރުގެ އަދަދެއް ލިބޭ ނަމަ، ބޭރުފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ވަނީ ލާޒިމްކޮށްފައެވެ. އަދި މި ފައިސާ ޖަމާކުރަންވާނީ، އެމްއެމްއޭއިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގެ އެކައުންޓަކަށް ކަމަށާއި، ފައިސާ ޖަމާކުރާ ބޭންކް އެކައުންޓުގެ މައުލޫމާތު އެ އޮތޯރިޓީއާ ހިއްސާކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކެޓަގަރީ އޭގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 40 ޕަސެންޓް ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށްވެސް ވަނީ ބިލުގައިވެއެވެ.
ނަމަވެސް ސަތޭކައިން ސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިތަކުން މާރުކުރަންޖެހޭ ބޭރުފައިސަގެ އިންސައްތައަކީ، އެފަރާތްތަކުން މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތުން އެފަރާތްތަކަށް ލިބޭ ބޭރުފައިސާގެ ގްރިސްރޭޓްގެ ހަ ޕަސެންޓް ކަަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
ބޭރު ފައިސާ ގަނެވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ މަނިޓަރީ އޮތޯރިޓީން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް، ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތެއްގެ މަތިން ކަމަށާއި އެ ރޭޓާ ހިލާފަށް ބޭރު ފައިސާ ވިއްކުމާއި، ވިއްކަން މަސައްކަތް ކުރުމަކީ ކުށެއް ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އެގޮތަށް އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ބޭރުފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތްކޮށްފިނަމަ އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލްގައި ވަނީ ކަނޑައަޅައިފައެވެ.
އޭގެ އިތުރުުން އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިސްތިހާރުކޮށް ޕްރޮކޯޓް ކުރުމާއި ޕްރޮމޯޓްކުރުމަކީ ވެސް ކުށެއްކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން ރަސްމީ ރޭޓް، ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ، ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް، ނުވަތަ އަގެއްގައި ބޭރުފައިސާ ގަނެ ވިއްކުން އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން، ނުވަތަ ޕްލެޓްފޯމަކުން ނުވަތަ، އެނޫންވެސް ގޮތަކުން އާއްމުކޮށް އެނގޭނެހެން އެ މައުލޫމާތު ހާމަ ކުރުމާއި ޝާއިއު ކުރުމާއި ފެތުރުމާއި ތަކުރާރު ކުރުމާއި ފޯރުކޮށްދިނުން މި ބިލުން ވަނީ މަނާކޮށްފައެވެ.
އެ ކުށުގެ އަދަބަކީ 25،000 ރުފިޔާ އައި 500000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިނަމާ ކުރުން ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމާއި، އިޝްތިހާރު ކުރުމުގައި ގާނޫނީ ޝަހުސެއް ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކުން ޝާމިލުވާނަމަ އެފަރާތެއް 100،000 ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް