ރަސްމާލެ މަޝްރޫއުގެ ދަށުން މިހާތަނަށް 716 ހެކްޓަރުގެ ބިން ހިއްކައި، ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަކަށް ރަސްމާލެ ވެއްޖެއެވެ.
ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫއާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު މިއަދު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 1،150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް ހިއްކާފައިވާ 716 ހެކްޓަރާއެކު، މިއީ މީގެ ކުރިން ރާއްޖޭގެ އެންމެ ބިން ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމަށް ވުރެ 107 ހެކްޓަރު ބޮޑު މިންވަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ލ. ގަމުގެ ބޮޑުމިނަކީ 609 ހެކްޓަރެވެ.
ރައީސް އޮފީހުގައި މިދިޔަ ޖޫން މަހު 29 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ މަޝްރޫއަށް މަޑުޖެހުމެއް އައި ނަމަވެސް، މިއަހަރުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ. އަދި އެތަނުން ގޯތި ލިބޭ ފަރާތްތަކަށް ގޯތިލިބޭކަން މިއަހަރުގެ ތެރޭގައި އަންގާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
އެމްއޭސީއެލްއާ ހަވާލުކޮށްގެން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. އެ މަސައްކަތަށް އެމްއޭސީއެލުން ވަނީ ދުނިޔޭގައި ބިން ހިއްކުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ އެއްފަހަރާ 46000 އަކަ މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ ކްރިސްޓަބަލް ކޮލޮންވެސް ގެނެސްފައެވެ.
ރަސްމާލެ
ރަސްމާލެ
ކޮމެންޓް