ފަތުރުވެރިކަމުގެ ދާއިރާގެ އޭ ކެޓަގަރީގައި ހިމެނޭ ތަންތަނުން ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެންނަން އުޅޭ ބަދަލާ މެދު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ވަނީ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ 20 ޕަސަންޓު އެމްއެމްއޭއަށް މިހާރު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު 40 ޕަސަންޓަށް އިތުރުކޮށް، މާރުކުރަން ޖެހޭ މުއްދަތު މަސް ދުވަހަށް މަދުކުރަން ނިންމާފައިވާކަން އިއުލާންކުރައްވައިފައެވެ.

މަޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރައީސް އޮފީހަށް އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑު ހާޒިރުކޮށް، ބައެއް ރިސޯޓުތަކުން ގާނޫނާ ހިލާފަށް ކުރަމުންދާ ބޭރު ފައިސާގެ މުއާމަލާތްތަކާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލަމުންދާ ކަމަށް ތަހުގީގުތަކަށް ފާހަގަކުރެވިފައިވާ ކަމަށް ސަރުކާރުން ވަނީ އަންގައިފައެވެ.

އެހެންނަމަވެސް، އެފަދަ އެއްވެސް ކަމެއް ހިނގާކަން އެނގިފައި ނުވާނެ ކަމަށާއި، ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަށް ހުރިހާ މެންބަރުންނަށް އަބަދުވެސް އިލްތިމާސްކުރާ ކަމަށް މަޓީން ބުނެފައިވެއެވެ. އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި، ވަކިވަކި ރިސޯޓުތަކަކަށް ކުރެވޭ ތުހުމަތެއްގެ މައްޗަށް ބިނާކޮށް މުޅި ސިނާއަތަށް އަސަރުކުރާ ފަދަ ބޮޑު ބަދަލެއް ގެނައުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމުގެ ޒިންމާ ހަމައެކަނި ރިސޯޓުތަކުގެ ބޮލުގައި އެޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި މަހުގެ ކުރީކޮޅު އެމްއެމްއޭގެ ގަވަރުނަރާއެކު ބޭއްވި ބައްދަލުވުމެއްގައި، ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް އޮންނަ އޮތުން އުވާލައި، އޭ ކެޓަގަރީގެ ތަންތަނުން ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ހެދުމަށް އެމްއެމްއޭއިން ހުށަހެޅި ކަމަށް މަޓީން ބުނެއެވެ. ނަމަވެސް އެ ޖަމިއްޔާއިން އެދުނީ އެ އަދަދު 10 އިންސައްތައަށް ވުރެ އިތުރު ނުކުރުމަށެވެ. އަދި މިހާރު ކަނޑައަޅާފައިވާ މިންވަރަށް ޑޮލަރު މާރުކުރެވެން ނެތް ރިސޯޓުތަކުން ގާނޫނާ އެއްގޮތަށް ހުށަހަޅާފައިވާ އިސްތިސްނާގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވެސް މަޓީން ވަނީ އެދިފައެވެ.

އެ ބައްދަލުވުމަށް ފަހު މަދު ހަފުތާތަކެއްގެ ތެރޭގައި، މާރުކުރަން ޖެހޭ މިންވަރު 40 އިންސައްތައަށް ބޮޑުކުރުމަކީ ރިސޯޓުތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށް މަޓީން ފާހަގަކުރެއެވެ. ސަބަބެއްގެ ގޮތުގައި އެ ޖަމިއްޔާއިން ބުނީ، ތެލާއި، މުވައްޒަފުންގެ މުސާރައާއި، ސާވިސް ޗާޖާއި، މުދަލާއި، ލޮޖިސްޓިކްސްއާއި، ފަތުރުވެރިން އުފުލުމުގެ ހަރަދުގެ އިތުރުން ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް، އިންކަމް ޓެކްސް، ބިމު ކުލި އަދި ޑޮލަރުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ރިސޯޓުތަކުން ބޮޑެތި ހޭދަތަކެއް ޑޮލަރުން ކުރަން ޖެހުމެވެ.

ރާއްޖޭގައި ހިންގާ 200 ރިސޯޓުގެ ތެރެއިން 146 ރިސޯޓު ތަމްސީލުކުރާ މަޓީން ބުނީ، މައްސަލައަށް އިންސާފުވެރި ހައްލެއް ހޯދުމަށް ސަރުކާރާއި އެމްއެމްއޭއާއެކު މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށެވެ.