އދ.ގެ ޓޫރިޒަމް އޯގަނައިޒޭޝަންގެ އެފިލިއޭޓް މެންބަރުންގެ ބޯޑު މެންބަރަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިންތިހާބުވެއްޖެއެވެ.
މަޓީ އެ މަގާމަށް އިންތިހާބުވީ 2026 އިން 2029 އަށް ހިނގާ ދައުރަށެވެ.
އެކަމާ ގުޅިގެން މަޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޓޫރިޒަމް ބޯޑުގެ އިންތިހާބުގައި ދެކުނު އޭޝިއާއަށް ހާއްސަކުރި ދެ ގޮނޑީގެ ތެރެއިން ގޮނޑިއެއް މަޓީއަށް ލިބުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައި އޮތް މިންވަރުގެ ހެއްކެއް ކަމަށެވެ.
އދ. ގެ ޓޫރިޒަމް ބޯޑުގައި މަޓީ ތަމުސީލުކުރާނީ އެ ޖަމިއްޔާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އައްސަދު އަލީ އެވެ. މަޓީން ބުނީ، އަންނަ މަހުގެ 11 ވަނަ ދުވަހު ސައުދީގެ ރިޔާދުގައި ބާއްވާ އދ. ޓޫރިޒަމްގެ 26 ވަނަ އާންމު މަޖިލީހުގެ ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި އައްސަދު ބައިވެރިވާނެ ކަމަށެވެ.
އދ. ގެ ޓޫރިޒަމް އެފިލިއޭޓް މެންބަރުންގެ ބޯޑުގައި އިންތިހާބީ 20 މަގާމެއް ހިމެނެއެވެ. އެއީ ބައިނަލްއަގްވާމީ ހަ ސަރަހައްދުން 12 ރީޖަނަލް މެންބަރުންނާއި 8 ގްލޯބަލް މެންބަރުންނެވެ.
މަޓީގެ ބަޔާނުގައި ބުނީ، އެ ބޯޑުގެ މެންބަރުންގެ މަސްއޫލިއްޔަތަކީ ބޯޑުގެ ޕްލެނަރީ ސެޝަންތަކުގެ އިދާރީ އަދި ފަންނީ ނިންމުންތައް ނިންމުމާ އެފިލިއޭޓް މެމްބަޝިޕްގެ މަސައްކަތުގެ ޕްރޮގްރާމާއި އަހަރީ މަގުސަދުތަކާ ބެހޭ އިސްތިރާޖީ ލަފާ ދިނުން ކަމަށެވެ.
އަލީ ޔާމިން
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)