ދުނިޔޭގެ ތާރީހު ދުށް އެންމެ ޖާދުވީ އެއް ކުޅުންތެރިޔާ ޑިއާގޯ މަރަޑޯނާ، އިންގްލެންޑް ކޮޅަށް އަތުން ގޯލް ޖެހި ބޯޅަ، 2.5 މިލިއަން ޕައުންޑަށް ނީލަމުގައި ވިއްކާލައިފިއެވެ.

މަރަޑޯނާ، 1986 ވަނަ އަހަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް މެޗުގައި އިންގްލެންޑް ކޮޅަށް ދެ ގޯލް ޖަހާފައިވެއެވެ. މެޗު އާޖެންޓީނާއިން 2-1 އިން ކާމިޔާބު ކޮށްފައިވާ އިރު، އާޖެންޓީނާގެ ދެ ގޯލުވެސް ޖެހީ މަރަޑޯނާއެވެ. މަރަޑޯނާ އަތުން ފުރަތަމަ ޖެހި ގޯލުގެ އިތުރުން ދެން ޖެހި ގޯލަކީ ހިތްގައިމު ކޮށްޓުންތަކަކަށް ފަހު ޖެހި ރީތި ގޯލެކެވެ. ކޮށްޓުންތަކާއެކު މަރަޑޯނާ ޖެހި ޖާދުވީ ގޯލަކީ މިހާތަނަށް ވޯލްޑް ކަޕްގެ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު އެއް ގޯލެވެ.

މަރަޑޯނާ އަތުން ގޯލް ޖެހީ، ރެފްރީގެ ލޮލަށްވެސް އޮޅުވާލައިފައެވެ. އެގޮތުން ބޮލުން ބޯޅައިގައި ޖަހަން އަރައި، މަރަޑޯނާ މަޑުމަޑުން އަތުން ބޯޅައިގައި ޖައްސާލީ އިންގްލެންޑް ކީޕަރު ޕީޓާ ޝިލްޓަން ބޯމަތިން އޮއްސާލުމަށެވެ. އެމެޗަށްފަހު ނޫސްވެރިން ސުވާލުކުރުމުން ބުނީ އެ ގޯލް ޖެހީ މަރަޑޯނާ ބޮލުގެ ކުޑަ ތަންކޮޅެއްގެ އިތުރުން "ހޭންޑް އޮފް ގޯޑް" ގެ ބޭނުން ހިފައިގެން ކަމަށެވެ.

އެެމެރިކާގެ ހެރިޓޭޗް އޮކްޝަންސްގައި މިފަހަރު އެ ބޯޅަ 2.5 މިލިއަން ޕައުންޑްގެ އަގަކަށް ވިކުނު ނަމަވެސް، ބޯޅައިގެ އަސްލު އަގު 7.3 މިލިއަން ޕައުންޑަށް އަރާނެ ކަމަށް ބެލެވެއެވެ. އަދި ފަހުން އެ ބޯޅަ ނީލަމުގައި ވިއްކާލާނެކަމަށް ފުރުސަތުވެސް އެބައޮތެވެ.

އާޖެންޓީނާއާއި އިންގްލެންޑް ކުޅުނު މެޗުގެ ބޯޅަ އޮތީ އެމެޗުގައި ރެފްރީކަން ކުރި ޓިއުނީޝިއާގެ އަލީ ބިން ނަސީރު އަތުގައެވެ. އެ ބޯޅައަކީ ހަމައެކަނި އެ މެޗުގައި ބޭނުންކުރި ބޯޅަ ކަމަށް މެޗު ރެފްރީ، 2023 ވަނަ އަހަރު ލިޔުމެއްގައި ސޮއިކޮށްފައިވެއެވެ.

ނަސީރު 2022 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެ ބޯޅަ ވިއްކާލީ 1.74 މިލިއަން ޕައުންޑަށެވެ.