އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް، ޑިއޭގޯ މަރަޑޯނާގެ މަރާ ގުޅިގެން އޭނާއަށް ފަރުވާ ދޭން މަސައްކަތް ކުރި ޑޮކްޓަރުންގެ ޓީމާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ފަށައިފިއެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ މަރަޑޯނާ މަރުވެފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މަރަޑޯނާގެ ކެރިއަރުގައި ކާމިޔާބު، އުފާވެރި ގިނަ ވަގުތުތަކެއް ހޭދަކުރި ނަމަވެސް، އޭނާގެ ކެރިއަރުގައި ކަޅު، ބަނަ ދުވަސްތަކެއް ވެސް ފެނިފައިވެއެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދީ، މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މަރަޑޯނާ ސްޕެއިންގެ ބާސާއަށް ކުޅުނު ދުވަސްވަރު ވެސް އޭނާއަށް ކުރިމަތިވީ ޑްރަގުގެ މައްސަލަތެކެވެ.

ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ މަރަޑޯނާގެ ހަޔާތުގެ ފަހު ދުވަސްތައް ހޭދަކުރީ ހޮސްޕިޓަލުގައެވެ. ހިތުގެ މައްސަލަތައް ވެސް ކުރިމަތިވި މަރަޑޯނާ މަރުވެފައިވަނީ އުމުރުން 60 އަހަރުގައި އާޖެންޓީނާގެ ބުއޭނޯސް އެއަރެސްގައި ހުންނަ އޭނާ ގޭގައެވެ. މަރަޑޯނާ މަރުވި ކަމަށް ބުނެފައިވަނީ ހާޓް އެޓޭކެއްގައެވެ.

މަރަޑޯނާ މަރުވި އިރު، ގޭގައި އޮތީ އޭގެ މަހެއްހާ ދުވަސް ކުރި ސިކުނޑީގައި ގަނޑުވި ލޭކޮޅެއްގެ ސަބަބުން ފަރުވާ ހޯދުމަށްފަހުއެވެ.

އާޖެންޓީނާގެ ޕްރޮސެކިއުޓާގެ ފަރާތުން ވައްދާފައިވާ މައްސަލައިގައި ބުނެފައި ވަނީ މަރަޑޯނާގެ މަރަކީ އިހުމާލުން ވީ މަރެއް ކަމަށް ފެންނަ ކަމަށެވެ. އެއީ މަރަޑޯނާގެ ހާލަތު ގޯސްވެގެން ދިޔަ އިރުވެސް ގޭގައި އޮތުމުންނެވެ.

އެހެން ނަމަވެސް ދިފާއުގައި މެޑިކަލް ޓީމުން ބުނީ މަރަޑޯނާއަށް ފަރުވާ ދޭން މަސައްކަތް ކުރުމުން ވެސް، އޭނާ ތަކުރާރުކޮށް އެކަމަށް އިންކާރު ކުރަމުންދިޔަ ކަމަށާއި އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުގައި މަޑުނުކޮށް ގެއަށް ދިޔައީވެސް އެހެންވެގެން ކަމަށެވެ.

މަރަޑޯނާ މައްސަލައާ ގުޅިގެން ދައުލަތުން ބަލަމުންދަނީ އޭނާގެ ސައިކެޓްރިސްޓް، ސައިކޮލޮޖިސްޓްގެ އިތުރުން މެޑިކަލް ކޯޑިނޭޓަރަކާއި ނަރުހުންގެ ކޯޑިނޭޓަރު އަދި ޑޮކްޓަރަކާއި އިތުރު ނަރުހެއްގެ މައްސަލައެވެ.

އެ މައްސަލައިގައި 100 އަށްވުރެ ގިނަ މީހުން ހެކި ބަސް ދޭނެއެވެ. މައްސަލައިގެ އަޑު އެހުންތައް ޖުލައި މަހާ ހަމައަށް ކުރިއަށް ދާނެއެވެ.