ދުނިޔޭގެ ތާރީހު ދުށް އެންމެ ޖާދުވީ އެއް ކުޅުންތެރިޔާ، ޑިއާގޯ މަރަޑޯނާގެ ޖާޒީއެއް ނީލަމުގައި 9.28 މިލިއަން ޑޮލަރަށް ވިކިފައިވެއެވެ. އެއީ އާދައިގެ ޖާޒީއެއް ނޫނެވެ. އެ ޖާޒީއަކީ 1986 ވަނަ އަހަރު އިންގްލެންޑް ކޮޅަށް އަތުން ގޯލު ޖެހިއިރު މަރަޑޯނާ ލައިގެން ހުރި ނޫ ކުލައިގެން ވިދުމެއް އަރާ ޖާޒީއެވެ. މަރަޑޯނާގެ އެ ޖާޒީ ނީލަން ކިޔުމުގެ ކުރިން އޮތީ، މެޗަށްފަހު ޖާޒީ ބަދަލުކުރި އިންގްލެންޑްގެ މިޑްފީލްޑަރު ސްޓީވް ހޮޖް އަތުގައެވެ. 2020 ވަނަ އަހަރު މަރަޑޯނާ މަރުވުމާއެކު ހޮޖް އަތުން އެ ޖާޒީ ގަންނަން ގިނަ ބަޔަކު މަސައްކަތް ކުރި ނަމަވެސް، އޭރު އޭނާ ބުނީ ޖާޒީ ނުވިއްކާނެ ކަމަށެވެ. ނަމަވެސް ފަހުން އެ ޖާޒީ ނީލަމުގައި ވިއްކާލިއެވެ.
މަރަޑޯނާގެ އެންމެ ފާހަގަކޮށްލެވުނު އެއް މެޗަކީވެސް އިންގްލެންޑް ކޮޅަށް އަތުން ގޯލު ޖެހި ކުއާޓާ ފައިނަލް މެޗެވެ. އެ މެޗު އާޖެންޓީނާއިން 2-1 އިން ކާމިޔާބު ކޮށްފައިވާ އިރު، އާޖެންޓީނާގެ ދެ ގޯލުވެސް ޖެހީ މަރަޑޯނާއެވެ. މަރަޑޯނާ އަތުން ޖެހި ގޯލުގެ އިތުރުން ދެން ޖެހި ގޯލަކީ ހިތްގައިމު ކޮށްޓުންތަކަކަށް ފަހު ޖެހި ރީތި ގޯލެކެވެ. ކޮށްޓުންތަކާއެކު މަރަޑޯނާ ޖެހި ޖާދުވީ ގޯލަކީ މިހާތަނަށް ވޯލްޑް ކަޕްގެ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު އެއް ގޯލެވެ.
އެ ޖާޒީއާ މިފަހަރުގެ ވޯލްޑް ކަޕާވެސް ގުޅުމެއް ވެއެވެ. މަރަޑޯނާ އެފަހަރު ވޯލްޑް ކަޕް އުފުލައިލީ މެކްސިކޯގައެވެ. ފައިނަލް މެޗު ކުޅުނީ މިފަހަރުވެސް ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ މެކްސިކޯ ސިޓީގެ އަޒްޓެކާ ސްޓޭޑިއަމްގައެވެ.
މަރަޑޯނާ އިންގްލެންޑް ބަލިކުރީވެސް ހަމަ އެ އަޒްޓެކާ ސްޓޭޑިއަމްގައެވެ. "ހޭންޑް އޮފް ގޯޑް" ގޯލާއި "ގޯލް އޮފް ދަ ސެންޗަރީ" ގޯލްވެސް އަޒްޓެކާގައި ފެނިގެން ދިޔަ އިރު، އެ ޖާޒީއަށް މުޅިން ތަފާތު ވިސްނުމެއް ހިމެނޭ ވާހަކައެއް ފެތުރިފައިވެއެވެ.
އެ ވާހަކަ އެކި ގޮތްގޮތުން ފެތުރިފައިވެއެވެ. ވާހަކަ އައިސްފައިވާ ގޮތަކީ، މަރަޑޯނާ އެމެޗުގައި ލައިގެން ހުރި ޖާޒީއަކީ މެކްސިކޯ ސިޓީގެ "ވަގު ޖާޒީ" ނޫނީ "ޕައިރެޓް ޖާޒީ"އެއް ކަމަށް ދެކެވޭ ވާހަކައެކެވެ. އެކަން ހިނގި ގޮތް ހޯދަން ބައެއް ދިރާސާތައްވެސް ކުރިއެވެ. އެކަން ކުރި އެކަކީ އިނގިރޭސިވިލާތުގެ މެންޗެސްޓާއަށް ނިސްބަތްވާ ފިލްމް އުފެއްދުންތެރިޔާ ފިޑެލް މެކާބެވެ.
މެކާބް ވަނީ "އެލް ޑިއޭޒް: މޭޑް އިން ޓެޕިޓޯ" ނަކަމަށް ކިޔާ ޑޮކިއުމެންޓްރީއެއްވެސް އެ ޖާޒީއަށް ތައްޔާރު ކޮށްފައެވެ. ޓެޕިޓޯއަކީ މެކްސިކޯ ސިޓީގެ މަގުމަތީ ބާޒާރެކެވެ. މެކާބްގެ އެ ޑޮކިއުމެންޓަރީގައި ގެނެސްދޭ މައުލޫމާތަކީ އެފަހަރު ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާއިން އުރުގުއާއީއާ ދެކޮޅަށް ކުޅުނު މެޗުން ފެށިގެން އިންގްލެންޑާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗާ ހަމައަށް ހިނގި ކަންތައްތަކެކެވެ. މަރަޑޯނާ ޖާޒީއާ ގުޅޭ ކަންކަމުގެ މައްޗަށެވެ.
"އަހަންނަށް ފުރަތަމަ ފެނުނީ އީއެސްޕީއެންގެ އާޓިކަލެއް. އަހަންނަށް މަރަޑޯނާ ހާއްސަވީ ސަބަބަކީ އަހަންނަކީ އޭނާގެ ސަޕޯޓަރަކަށް ވާތީ. އެ އާޓިކަލްގައި ބުނަނީ، މަރަޑޯނާ އުރުގުއާއީ މެޗުގައި ޖާޒީ ބަދަލުކުރުމުން، ދެން އެހެން ޖާޒީއެއް ނެތިގެން އުޅުނު ކަމަށް،" މެކާބް ބުނެފައިވެއެވެ.
މެކާބް ބުނީ އެ ވާހަކައާއެކު މެކްސިކޯ ސިޓީގެ ޓެޕިޓޯއަށް ގޮސް، މީހުންނާ ވާހަކަ ދެއްކުމުން ޖާޒީއާ ގުޅޭ ތަފާތު ވާހަކަތައް އަޑު އިވުނު ކަމަށެވެ. ގިނަ ބައެއްގެ ނަޒަރުގައި އާޖެންޓީނާއިން އިންގްލެންޑް މެޗަށް ތައްޔާރުވި އިރު، އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ މަރަޑޯނާގެ ނޫ ޖާޒީ ނެތް ކަމަށެވެ. އެއާއެކު އާޖެންޓީނާއިން އެކަމަށް ހައްލު ހޯދަން ޓެޕިޓޯ މާރުކޭޓަށް ގޮސް، "ފޭކް ޖާޒީ"އެއް ގަނެ، އަސްލު ބެޖު އޭގައި ޖަހައި، އަސްލު ކުރި ކަމަށް ބުނާ ގިނަ ބަޔަކު ފާހަގަވި ކަމަށް މެކާބް ބުނެފައިވެއެވެ.
މެކާބް ބުނީ މެކްސިކޯ ސިޓީގެ މީހުންނަށްވެސް އޮތީ އެ ވާހަކައިގެ ހަގީގަތް ނޭނގި ކަމަށެވެ. މެކާބްގެ ކުރު ޑޮކިއުމެންޓްރީގައި އޭރު އާޖެންޓީނާގެ ކީޕަރު ހެކްޓާ މިގޭލް ޒެލާޑާއާ އިންޓަވިއު ކޮށްފައިވާ އިރު، އޭރު ހެކްޓާ ކުޅެނީ މެކްސިކޯ ސިޓީގެ ކްލަބު އެމެރިކާއަށެވެ. ކަން ދިމާކުރި ގޮތުން "ފޭކް ޖާޒީ" ޓެޕިޓޯއިން ގަތުމުގައި އެންމެ އިސް ރޯލެއް އަދާކުރީ ހެކްޓާއެވެ.
މެކާބް ބުނީ ހެކްޓާ ބުނެފައި ވަނީ އެ ޖާޒީ ހޯދީ ކުއާޓާ މެޗުގެ ދެ ދުވަސް ކުރިން ކަމަށެވެ. ޖާޒީ ގަތީ ޓެޕިޓޯ މާކެޓުން ކަމަށާއި، ނަންބަރު ޖެހީ އިސްތިރި ބޭނުންކޮށް، އޭރުގެ ބޭނުންކުރާ ސްޓިފުން ކަމަށެވެ. އަދި ނަންބަރުތަކުން ވިދުން ފެނުނު ސަބަބަކީ އެއީ ކަމަށްވެސް ހެކްޓާ ފާހަގަކޮށްފައިވެއެވެ. އަސްލު ބެޖު ފަހައި އެ ހުރިހާ ކަމެއް ކުރިއިރު މަރަޑޯނާއަށް އެމެޗު ނުކުޅެވިދާނެ ކަމަށް ހީވެފައި އޮތް ކަމަށްވެސް މެކާބްގެ ޑޮކިއުމެންޓްރީގައި ހެކްޓާ ބުނެފައިވެއެވެ.
މެކާބް ބުނީ އެ ހުރިހާ މަސައްކަތެއް ހާއްސަވީ މެކްސިކޯ ސިޓީއަށް ކަމަށެވެ. އެކަން ކޮށްދިނީ އެ ސިޓީގެ ރައްޔިތުންގެ ތެރެއިން ބައެއް ކަމަށެވެ. އެއިން ދައްކައިދިނީ މެކްސިކޯ ސިޓީގެ ކުޅިވަރު، އަދި ފުޓުބޯޅަ ސަގާފަތް ކަމަށްވެސް މެކާބް ފާހަގަކޮށްފައިވެއެވެ. އެ ވާހަކަ ގެނެސްދޭން ހާއްސަވީވެސް މެކްސިކޯ ސިޓީގެ ސަގާފަތް ދުނިޔެއަށް ދެއްކުމަށް ކަމަށް މެކާބް ފާހަގަކުރިއެވެ.
ކޮންމެއަކަސް މަރަޑޯނާގެ އެ ޖާޒީއަކީ ދުނިޔޭ ތާރީހުގައިވެސް އެންމެ ތަފާތު އެއް ޖާޒީއެވެ. އެއީ މަގުމަތީ މާރުކޭޓަކުން ގަތް ޖާޒީއެއް ނަމަވެސް، އެ ޖާޒީގެ އަގު ދަށެއް ނުވާނެތާއެވެ. އެއީ ފުޓުބޯޅައިގެ އެންމެ ތަފާތު އެއް މަންޒަރު ދައްކުވައިދިން އެއް ޖާޒީއެވެ. މަރަޑޯނާ އެ ޖާޒީ ލައިގެން ދެއްކި ކުޅުމުން ޖާޒީގެ އަގު މިލިއަނުން އުފުލިގެން ދިޔައީއެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް