ރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން 41 މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތީރިޓީ (އެންޑިއެމްއޭ)އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ މއ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 5:27 ހާއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ހަތަރު ބިދޭސީއަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. އެއީ ބަންގްލަދޭޝް ދެ މީހުންނާއި އިންޑިއާ ދެ މީހުންނެވެ.

އައިޖީއެމްއެޗުން ބުނީ އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

އެންޑީއެމްއޭއިން މިއަދު ބުނީ ރޭ ފަތިހު ދޫގަސްވިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭގެ އިމަޖެންސީ މެނޭޖްމަންޓް ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެހާދިސާގައި އަލިފާން ފުރަތަމަ ރޯވީ ދޫގަސްވިލާ ގޭގެ (2 ފަންގިފިލާއަށް ހަދާފައިވާ އިމާރާތެއްގެ) 5 ކޮޓަރިއެއްގައި ކަމަށެވެ. އެތަނުން 15 ބިދޭސީން ވަނީ ރައްކާތެރިކަމާއެކުއެެވެ.

އެތަނާ އިންވެގެން ހުރި އިމާރާތުގެ ފެނުގެ ހިދުމަތްތައް މެދުކެނޑުމާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅޭ 26 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކަމަށެވެ. އޭގެތެރޭ ހިމެނެނީ 20 ދިވެހިންނާއި 6 ބިދޭސީން ކަމަށެވެ.

އަލިފާން ރޯވި އިމާރާތާ އިންވެގެން ހުރި އިމާރާތުގައި (މއ. ދޫގަސް 1) ގެ ދެ ތަނުގައި ދިރިއުޅޭ ޖުމްލަ 41 މީހަކަށް އެ ހާދިސާގެ އަސަރު ކުރުމުން، އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށެވެ.

"ބިދޭސީންނަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ހަމަޖެއްސުމަށްޓަކައި އެ ފަރާތްތަކުގެ ސްޕޮންސަރާ ގުޅައި، މިހާރު ވަނީ ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް އެންގިފައި. އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން، ހާދިސާގައި އަސަރުކުރި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި ދަނީ ކުރަމުން. އަދި އަލިފާން ރޯވި އިމާރާތުގައި ދިރިއުޅުނު 4 މީހަކު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައި." އެންޑީއެމްއޭއިން ބުންޏެވެ.