ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ މި މަހުގެ 17 ވީ ހޯމަ ދުވަހު ބޭއްވި، މިއަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގައެވެ.
މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މާލީ އޮނިގަނޑު އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމެވެ. އެގޮތުން، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ގާއިމުކޮށް ހިންގުމާ ގުޅޭ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމާއި، ގައުމީ ޕޭމަންޓް ސިސްޓަމްތަކުގެ ގަވަރނަންސް އަދި މޮނިޓަރިން ހަރުދަނާކުރުމަށް ގެންނަންޖެހޭ އިސްލާހުތައް މި ބިލުގައި ވަނީ ހިމަނައިފައެވެ.
ތަސްދީގުކުރި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމުގައި ހިމެނޭ ވަކި ސިސްޓަމަކީ ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިގެންވެއެވެ. މީގެ ސަބަބުން، ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތައް މެދުވެރިވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ ޕޭމަންޓް މުއާމަލާތްތަކުގެ ތެރެއިން އެމްއެމްއޭއިން ކަނޑައަޅާ މުއާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަން ޖެހޭނީ އެ އޮތޯރިޓީން ކަނޑައަޅާ ނޭޝަނަލް ޕޭމަންޓް ސްވިޗް މެދުވެރިކޮށެވެ.
ހަމައެއާއެކު، އެމްއެމްއޭއިން އަންގާ ގޮތެއްގެ މަތިން އަދި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި މި ސިސްޓަމާ ގުޅި، މުއާމަލާތްތައް އޭގެ ތެރެއިން ރޫޓްކުރުމަށް ބޭންކުތަކަށާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކަށް މި ގާނޫނުގެ ދަށުން މަޖުބޫރުވާނެއެވެ. ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާއެކު، ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ގެނައި މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ.
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް