ބާވެ ހަލާކުވުމުގެ ސަބަބުން ބާޒާރުގައި މިހާރު ދައުރުވާ ފަސް ރުފިޔާގެ ނޫޓު ވަރަށް ބޮޑަށް މަދުވުމާ ގުޅިގެން، އެ ނޫޓުގެ އާ ސްޓޮކެއް ގެނެސް މާދަމާއިން ފެށިގެން ދައުރުކުރަން ފަށާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އިގުތިސޯދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށް ޓަކައި އެ އޮތޯރިޓީން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްއެމްއޭއިން ބުނީ ފަސް ރުފިޔާގެ ނޫޓަކީ އާންމުންނާއި ވިޔަފާރިތަކުގެ މެދުގައި ގިނަ އަދަދަކަށް ބޭނުންކުރާ ނޫޓެއް ކަމަށާއި ބާޒާރުގައި ފަސް ރުފިޔާގެ ނޫޓު މަދުވެފައިވަނީ އެ ނޫޓު ވިޔަފާރިތަކުގައި ގިނައިން ބޭނުންކުރުމުގެ ސަބަބުންނާއި ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް އެ ނޫޓު ޖަމާކުރާ މިންވަރު ދަށްވުމުން ކަމަށެވެ.

އެމްއެމްއޭއިން ބުނީ އަލަށް ގެނައި ފަސް ރުފިޔާގެ ނޫޓުގައިވާ ތާރީހަކީ 31 ޖުލައި 2025 ކަމަށާއި، މި ނޫޓުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ކަމަށެވެ. މިއީ 2017 ވަނަ އަހަރު ރަންދިހަފަހެއް ނޫޓު ސީރީސްގެ ފަސް ރުފިޔާގެ ނޫޓު ނެރުނު ފަހުން، އެ ނޫޓުގެ އާ ސްޓޮކެއް ގެނައި ފުރަތަމަ ފަހަރު ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެމްއެމްއޭއިން ބުނީ މާދަމާ ދައުރުކުރަން ފަށާ ފަސް ރުފިޔާގެ އާ ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ މި އާ ނޫޓާއެކު މިހާރު ވެސް ބާޒާރުގައި ދައުރުވަމުން އަންނަ ފަސް ރުފިޔާގެ ނޫޓުތައްވެސް މުއާމަލާތްތަކުގައި ބޭނުންކުރަމުންދާނެ ކަމަށެވެ.