މަނީ ޗޭންޖިން ވިޔަފާރިކުރުމުގެ ގަވާއިދާ ހިލާފުވެގެން މާލޭގައި ފުޅާދާއިރާއެއްގައި ފައިސާ މާރުކުރުމުގެ ހިދުމަތް ދެމުން އައި "އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" 500،000 ރުފިޔާއިން ޖޫރިމަނާކޮށް، އެތަނުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހިފަހައްޓައިފިއެވެ.

އެމްއެމްއޭއިން އެ ފިޔަވަޅު އެޅުމަށްފަހު މިރޭ ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުރިހާ މުއާމަލާތެއްވެސް ހިންގަންވާނީ އެކަމަށް ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން ކަމަށެވެ.

އަދި ހުރިހާ ވިޔަފާރިތަކުންވެސް އެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރަންވާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.

ފައިސާ މާރުކުރުމުގެ ބާޒާރު ހަމަމަގަށް އެޅުވުމަށާއި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތައް ހޯދައި، އެފަދަ ފަރާތްތަކާމެދު ކަމާބެހޭ ތަންފީޒީ އިދާރާތަކާ ގުޅިގެން ފަސްޖެހުމެއްނެތި ފިޔަވަޅު އަޅަމުން ގެންދާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.