ރާއްޖޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތަށް ކިޔާނެ ނަމެއް ހޯދުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާންމުންގެ ހިޔާލަށް ހުޅުވާލައްވައިފިއެވެ.

އިސްލާމިކް މިނިސްޓަރު އެކަމަށް ހުޅުވައިލެއްވީ އެ މަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މިނިސްޓަރު ވަނީ ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތަށް ކިޔާނެ ނަމަކާ މެދު ހިޔާލު ދިނުމަށް އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި ބިނާކުރާ މި މިސްކިތަކީ އެއްފަހަރާ ދިހަ ހާސް މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެކެވެ. މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ބޭރުގެ ދީލަތި ފަރާތެއްގެ އެހީތެރިކަމާއެކުގައެވެ.

މި މަޝްރޫއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީހީ މުނާސަބަތާ ގުޅުވައިގެން، ބިނާކުރާ މިސްކިތެކެވެ. ހުޅުމާލޭގައި ހުޅުމާލޭގައި ހަދާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ ވެސް އަންނަ މަހު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

މިނިސްޓަރު ޝަހީމް އެކްސްގައި އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި މިސްކިތް ވެގެންދާނީ ދިވެހިންގެ މުއްސަނދި އިސްލާމީ ހަލާރަތާއި ރީތި ފަރުމާ ދައްކުވައިދޭނެ ފުރިހަމަ ބިނާއަކަށް ކަމަށެވެ. އަދި މިއީ އިލްމާއި އީމާންތެރިކަމާއި އެއްބައިވަންތަކަން އާލާކޮށްދޭނެ މުހިންމު މަރުކަޒަކަށްވާނެ ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ މިއީ، 900 އަހަރުވީ ރާއްޖޭގެ އިސްލާމީ މަތިވެރި ތާރީހާއި، އިލްމީ ހިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދޭނެ އަގުހުރި ތަރިކައެއް ކަމަށެވެ.

އަންނަ މަހު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހު މިސްކިތުގެ ބިންގާ އެޅުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރައްވާފައިވާ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2 އަދި ފޭސް 3 ގުޅޭ ސަރަހައްދުގައެވެ. އެ މިސްކިތް އެޅުމަށް ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

މިސްކިތުގެ އިތުރުން ގުރުއާން މިއުޒިއަމަކާއި އެހެނިހެން މުހިންމު ވަސީލަތްތައް ހިމެނޭހެން ކޮމްޕްލެކްސްއެއްގެ ގޮތުގައި ތަރައްގީކުރާ އެ މަޝްރޫއަށް ފައިނޭންސް ކުރުމަށްޓަކައި، ސައޫދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު އިސްލާމިކް މިނިސްޓްރީން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.