ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.

ސްޓެލްކޯއިން މިރޭ ބުނިގޮތުގައި، މި ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

ކަރަންޓު ކެނޑެން މެދުވެރިވި މައްސަލަ ދެނެގަނެ، ވީ އެންމެ އަވަހަކަށް އެކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މީގެ އިތުރުން، ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށްވެސް ސްޓެލްކޯއިން ފާހަގަކުރިއެވެ. އަދި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން އާންމުންނަށް ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.