މާލެ އާއި ހުޅުމާލެއާ ދެމެދުގެ ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތަކަށް ލަމްބަގިނީ ކާރެއް އަރައި ހިނގައިދިޔަ އެކްސިޑެންޓުގައި ކާރު ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، ބްރިޖު ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެ ގޮސް، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 8:42 ހާއިރު ރިޕޯޓު ކުރި ކަމަށެވެ.

އެ އެކްސިޑެންޓުގައި ހޮޅިދަނޑިތަކުުގައި ޖެހި ކާރު ވަނީ ފުރޮޅާލައިފައެވެ. އެ ހާދިސާ ހިނގި ވަގުތު ކާރުގައި ތިބީ ކާރު ދުއްވި ބ. ކަމަދޫ، މިކްނިކް/ ހަސަން ރިފާއު (40އ) އާއި 13 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ. އެ އެކްސިޑެންޓާ ގުޅިގެން ރިފާއުއަށާއި ކުޑަކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ކާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އިރު، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު، ކާރުގެ ބައިތައް މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކާރު ދުއްވި ހަސަން ރިފާއުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ލައިސަންސް ހިފެހެއްޓި ހަސަން ރިފާއު އަކީ ހޯކްސް ކުންފުނީގެ ސީއީއޯ އެވެ.