ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީހީ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރާ އެ މިސްކިތް ވެގެންދާނީ ދިވެހިންގެ މުއްސަނދި އިސްލާމީ ހަލާރަތާއި ރީތި ފަރުމާ ދައްކުވައިދޭނެ ފުރިހަމަ ބިނާއަކަށް ކަމަށެވެ. އަދި މިއީ އިލްމާއި އީމާންތެރިކަމާއި އެއްބައިވަންތަކަން އާލާކޮށްދޭނެ މުހިންމު މަރުކަޒަކަށްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ކުރެހުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްލަވާލައްވަނީ ---- ފޮޓޯ: އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މިނިސްޓަރު ވިދާޅުވީ މިއީ، 900 އަހަރުވީ ރާއްޖޭގެ އިސްލާމީ މަތިވެރި ތާރީހާއި، އިލްމީ ހިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދޭނެ އަގުހުރި ތަރިކައެއް ކަމަށެވެ.

އަންނަ މަހު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހު މިސްކިތުގެ ބިންގާ އެޅުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަކަމަށް ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ކުރެހުން ---- ފޮޓޯ: އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރައްވާފައިވާ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2 އަދި ފޭސް 3 ގުޅޭ ސަރަހައްދުގައެވެ. އެ މިސްކިތް އެޅުމަށް ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިހާރު ވަނީ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

މިސްކިތުގެ އިތުރުން ގުރުއާން މިއުޒިއަމަކާއި އެހެނިހެން މުހިންމު ވަސީލަތްތައް ހިމެނޭހެން ކޮމްޕްލެކްސްއެއްގެ ގޮތުގައި ތަރައްގީކުރާ އެ މަޝްރޫއަށް ފައިނޭންސް ކުރުމަށްޓަކައި، ސައޫދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު އިސްލާމިކް މިނިސްޓްރީންވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.